ޚަބަރު
2027 ވަނަ އަހަރަކީ ޖުމްލަ ގޮތެއްގައި އެންމެ ގިނަ މަޝްރޫޢުތައް ނިމޭނެ އަހަރު: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
2027ވަނަ އަހަރަކީ ޖުމްލަ ގޮތެއްގައި އުމްރާނީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިމޭނެ އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މި ދައުރުގެ ތެރޭގައި ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތާވަލަށް އަލިއަޅުއްވާލައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރަކީ ޖުމްލަ ގޮތެއްގައި އެންމެ ގިނަ އަދަދަކަށް މަޝްރޫޢުތައް ނިމި، ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާނެ އަހަރު ކަމަށެވެ.
އަދި އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ވެސް ބައެއް މަޝްރޫޢުތައް ނިމޭނެ ކަމަށާއި، ނަމަވެސް އެންމެ ގިނަ މަސައްކަތްތައް ނިމުމަށް ތާވަލުކުރެވިފައިވަނީ 2027 ވަނަ އަހަރަށް ކަމަށް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ ތެރޭގައި ވެސް އިތުރު މަޝްރޫޢުތަކެއް ނިމިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޝްރޫޢުތަކުގެ ސްޕީޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިޔަށް މިއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަރަށް ގިނަ މަޝްރޫޢުތައް ބާރުމިނުގައި ފެށިގެންދާނެ ކަމަށެވެ. މަސައްކަތްތަކުގެ ސްޕީޑު ކުޑަކޮށް މަޑުޖެހެން ދިމާވީ އިޤުތިޞާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށާއި، ނަމަވެސް ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވަޢުދުތައް ފުއްދުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"ހުރިހާ މަޝްރޫޢުތަކެއް މިހާރު ދަނީ ވަކި ތާވަލެއްގެ ތެރެއިން. މި ތާވަލު ރޭވިފައި ވާނީ ދާއިރާތަކަށް ބަހާލައިގެން. އެއީ މިސާލަކަށް ބަނދަރު، ނޫނީ ތަޢުލީމު ނޫނީ ސިއްޙީ ދާއިރާ. އެއީ އެކިއެކި ދާއިރާގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ތަކެތި ވެސް ތަފާތުވުމުން،" ރައީސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ބަނދަރު ހެދުމަށް ބޭނުންވާ ބޮޑު ހިލަ ފަދަ ތަކެތި ހޯދުމުގައި ހުންނަ ތަފާތުތަކެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކުޑަ ރަށެއް ނުވަތަ ބޮޑު ސިޓީއެއް ވިޔަސް، ކޮންމެ ރައްޔިތަކަށް ވެސް ކޮންމެހެން ލިބެންޖެހޭ އަސާސީ ޚިދުމަތްތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން، ރަށުގެ އާބާދީއަށް ބެލުމެއް ނެތި، ހުރިހާ ދިމާލެއްގައި ވެސް ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ ކުރިން ބައެއް ރަށްރަށުގައި ޤާއިމްކުރެވިފައި ނުވާ ކުނި މެނޭޖުކުރުމުގެ ނިޒާމުތަކާއި، ފިޓްނަސް ސެންޓަރުތަކާއި، ޕޮލިސް ސްޓޭޝަންތަކާއި ޕާކުތައް ފަދަ ތަންތަން މިހާރު ޤާއިމްކުރެވެމުންދަނީ، ސަރުކާރުގެ ސިޔާސަތަކީ ހަމަހަމަ ކަމާއެކު ހުރިހާ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރަޙައްދީ ތަރައްޤީގެ ދަށުން ބައެއް ރަށްތައް އާބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސަރަޙައްދުތަކުން އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކި ހިސާބުތަކުގައި އެއާޕޯޓުތަކާއި، އެކި ފެންވަރުގެ ހޮސްޕިޓަލްތައް ބިނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.