ޚަބަރު
ބައެއް ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އިމާރާތްތަކުގެ މަސައްކަތް މިހާރު ހުރީ ފަހު މަރުހަލާގައި: ރައީސް މުއިއްޒު
"ދަ ޕަލްސް" ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑު
ރާއްޖޭގެ ބައެއް ރަށްރަށުގައި އަޅަމުންދާ ކައުންސިލް އިދާރާތަކުގެ އިމާރާތްތަކުގެ މަސައްކަތް މިހާރު ހުރީ ފަހު މަރުހަލާގައި ކަމަށާއި، އަންނަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް 55 ރަށެއްގެ ކައުންސިލް އިދާރާ ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރާ ހަވާލުވެވަޑައިގެން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ގިނަ ކައުންސިލް އިދާރާތައް ވަރަށް ނިކަމެތި ހާލަތެއްގައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ބައެއް އިމާރާތްތަކަކީ ބޮލަށް ވެއްޓޭ ހިސާބުގައި ހުރި، އަދި ފާރުތަކުން ކުލަ ފައިބައި ފަންގަސް ޖަހާފައިވާ، އިންސާނުން ބޭނުންކުރަންވެސް ނުވާވަރުގެ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ތަންތަނުން ރައްޔިތުންނަށް ޚިދުމަތް ދޭންޖެހޭތީ އިތުރު ގޮތެއް ނެތިގެން އެ ތަންތަން ހިންގަމުން އައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ޒަމާނީ އާ ކައުންސިލް އިދާރާތަކެއް ބިނާކުރުމުގެ ސިޔާސަތެއް ކަނޑައެޅުއްވި ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ 55 ރަށުގެ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއުގެ ދަށުން، ބައެއް ރަށްރަށުގައި ފިނިޝިންގ މެޓީރިއަލްސްއާއި ފަރުނީޗަރަށް އޯޑަރުދީ، މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިތުރު 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ޕްރޮޖެކްޓް ގެ ޑިއު ޕްރޮސެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުގެ ގިނަ ރަށްތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރަރާއީ ބައި ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މަދުވެގެން 100 އެއްހާ ރަށުގައި އާ ކައުންސިލް އިދާރާތައް އިމާރާތްކޮށް ނިންމުން ކަމަށެވެ. އަދި އާ އިމާރާތްތައް ހުރި ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައިވެސް މިފަދަ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.