ޚަބަރު
ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބިވަޑައިގަންނަވާ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---
ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ މިއަދު އުތީމުގައި އޮތް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ވާހަކަފުޅުގައި ރައީސް ވަނީ، މުޅި ރާއްޖޭގެ ވިސްނުމަކީ ޤައުމީ ވިސްނުން ކަމުގައި ހެދުމަށް އިލްތިމާސްކުރައްވާ، އެއް ރޫޙެއްގައި، އެއް ޢަޒުމެއްގައި، އެއް އަމާޒެއްގައި، އެއް ބައެއްގެ ގޮތުގައި ދެމި ތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.
އަދި އުތީމު މަހާރަދުންގެ ސީރަތަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ އެއީ ފުންކޮށް ދިރާސާކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އެ ތަކުރުފާނުގެ ސީރަތުން ލިބޭ. އެ ކަމަށް ފުންކޮށް ދިރާސާތައް ކުރަންވީ. ޢިލްމީ ބެލުންތައް ބަލައި ދެނެގަންނަންވީ.
ރައީސް ވިދާޅުވިއެވެ.
އުތީމު މަހާރަދުން ވަރަށް ތުއްޕުޅުއިރު ރަށުތެރެއާއި، ހޮޅުއަށީގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވަން ޖެހުނު ކަމަށާއި، އެއީ އެމަނިކުފާނު ލީޑަރަކަށްވުމަށް މުހިންމު ފިލާވަޅުތަކެއް ލިބުނު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެއީ، އަމުރަށް ކިޔަމަންވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އުތީމު މަހާރަދުންނަށް ދަސްކޮށްދިން ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އުތީމު މަހާރަދުން ވަނީ އެ ދުވަސްވަރު ދޫނި ހިއްޕެވުމާއި އެހެނިހެން ހުނަރުތައް ދަސްފުޅުކުރައްވާފައިކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރުމުގެ ތަޞައްވުރު އެމަނިކުފާނުގެ ސިކުނޑީގައި ކުރެހުނީ އެ ދުވަސްވަރުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، ޤައުމީ ދުވަހުގެ ބަޠަލު، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދޭކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އުތީމު މަހާރަދުންގެ ސީރަތުން ދެން ފެނިގެންދިޔައީ، އެމަނިކުފާނު ކަނޑުމައްޗަށް އަހުލުވެރިވެވަޑައިގަނެފައިވާކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދަޅުވިއެވެ. އެގޮތުން، އެ ޒަމާނަށް ބޭނުންވާ ޢިލްމު ހޯއްދަވާފައިވާ ކަމަށާއި، ނިޔަމިކަން ދަސްފުޅުކުރައްވާ ރާއްޖޭގެ ޖިއޮގްރަފީގެ އިސް މާލިމީއަކަށްވެވަޑާއިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ޒަމާނާއި ގުޅޭ ޢިލްމާ ހުނަރު އަންނަން އޮތް ޖީލުތަކަށް އުނގަންނައިދޭން ޖެހޭކަން މި ކަމުން ދޭހަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޕޯޗުގީޒު އިސްތިޢުމާރާ ދެކޮޅަށް ކުރެއްވި ޖިހާދަށް ތައްޔާރުވެވަޑައިގެންނެވުމުގައި، ރާއްޖޭގެ ފެތުރިފައިވާ އާބާދީތައް އެއް ޢަޒުމެއްގައި، އެއް ޢަމާޒަކަށް މީޒާންކުރުމަށް އެމަނިކުފާނު ގެންގުޅުއްވި އުސޫލުތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ފަދަ ހުރިހައި ކަމަކުން، ޤައުމީ ދުވަހުގެ ބަޠަލު އުތީމު މަހާރަދުންނަކީ އާދަޔާ ޚިލާފު ދިވެހި ޝަޚްޞިއްޔަތެއްކަން އެންގިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ތަކުރުފާނުގެ ޙަޔާތްޕުޅުން އެތައް ފިލާވަޅެއް ލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ.