ޚަބަރު
މަސައްކަތުގެ އަޚްލާޤުގައި ހުރިހާ މުވައްޒަފުންވެސް އަމާނާތްތެރިވުމަށް ރައީސް ގޮވާލައްވައިފި
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
މަސައްކަތުގެ އަޚްލާޤުގައި ހުރިހާ މުވައްޒަފުންވެސް އަމާނާތްތެރިވުމަށާއި، ފަރުވާތެރިކަމާއެކު ޒިންމާތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮފީހަށް ގަޑިއަށް ހާޒިރުވުމާއި، މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަލާމް ބުނުމަކީ އާދަޔަކަށް ނުހެދުމަށާއި، ޙަވާލުވެފައިވާ މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރުމަށް އެދިވަޑައިގަތެވެ.
އަޅުގަނޑު މި ދަންނަވަނީ މި ޒަމާނުގައި އަޅުގަނޑުމެން ހޯދައިފައިވާ ޙައްޤުތަކާ ލުއިކަން ބޭނުން ނުކުރާކަށް ނޫން. އެކަމަކު އަޅުގަނޑު މި އެދެނީ މަސައްކަތުގެ އަޚްލާޤުގައިވެސް އަމާނާތްތެރިވުމަށް. ފަރުވާތެރިވުމަށް. ތެދުވެރިވުމާއި ޒިންމާދާރުވުމަށް. އާދެ! މަސައްކަތުގެ އަޚްލާޤަށް އިޙްތިރާމް އަދާކުރުމަށް، .
ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުން މިގޮތުގައި މަސައްކަތުގެ އަޚްލާޤަށް އިޙްތިރާމްކުރާނަމަ، ޚިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބި، މަސައްކަތުގެ ނަތީޖާ މަތިވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އާއިލާއިން ފެށިގެން ޤައުމީ މަސްއޫލިއްޔަތުތަކާ ހަމައަށް އިޙްތިރާމްކުރުމުގެ އަޚްލާޤު އަށަގަންނަވަންޖެހޭ ކަމަށާއި، ޤައުމަށް ޙަޤީޤީ މާނައިގައި ތަރައްޤީއާއި ހަމަޖެހުން އަންނާނީ އަފްރާދުންގެ ވިސްނުމާއި ފިކުރު މިގޮތުގައި ތަރައްޤީ ކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ވިދާޅުވީ، ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި މާތް އަޚްލާޤީ ސިފަތައް އަނބުރާ އިޢާދަކުރުމަށާއި ބައިބައިވުންތަކުން ދުރުހެލިވުމަށް ކަމަށެވެ. އަދި އިހުގެ މަތިވެރި އަޖުދާދުން ފަދައިން، އެއްރޫޙެއްގައި އެއް އަމާޒެއްގައި ގުޅިގެން ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.