ޚަބަރު
މިއަދު އާކުރަނީ ބޮޑުތިލަދުންމަތީގެ މައްޗަށް ދިވެހި ޤައުމު ފަޚްރުވެރިވާ އެންމެ ޢިއްޒަތްތެރި ހަނދާންތައް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---
ޤައުމީ ދުވަސް ފާހަގަކުރެވިގެންދާއިރު، އާކުރެވިގެންދަނީ ބޮޑުތިލަދުންމަތީގެ މައްޗަށް ދިވެހި ޤައުމު ފަޚްރުވެރިވާ އެންމެ ޢިއްޒަތްތެރި ހަނދާންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ، މިއަދު އުތީމުގައި އޮތް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އުތީމުގެ ފަސްގަނޑަކީ، ރާއްޖޭގެ ޤައުމީ އަބްޠާލުންނާ ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވާފައެވެ.
އަޅުގަނޑުމެން މިއަދު މި އާކުރަނީ ބޮޑުތިލަދުންމަތީގެ މައްޗަށް ދިވެހި ޤައުމު ފަޚްރުވެރިވާ އެންމެ ޢިއްޒަތްތެރި ހަނދާންތައް. އަޅުގަނޑުމެން މިއަދު މި ދިރުވަނީ އުތީމުގެ ފަސްގަނޑަށް އުފަން ދިވެހި ޤައުމީ އަބްޠާލުންނާ ގުޅިފައިވާ އެންމެ ޝަރަފުވެރި ހަނދާންތައް. އެ ބޭފުޅުންގެ ޙަޔާތްޕުޅުން ފެންނަ އެންމެ މޫރިތި މަތިވެރި ޒިކްރާތައް.
ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޤައުމީ ދުވަހަކީ، ރާއްޖޭގެ އިސްތިޤުލާލަށް ޓަކައި، އެތައް އަޖުދާދުންނެއް، ޕޯޗުގީޒު ބާރަށް ފާޅުގައި ނޫނެކޭ ބުނެ، ޙިކުމަތްތެރި ކަމާއެކު ޤައުމަށް ސަލާމަތްކަމާއި އަމާންކަން ހޯދައިދިން، އުފާވެރި ދުވަސް ކަމަށް ވިދާޅުވެފައެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނު ވަނީ ޤައުމީ ދުވަހުގެ ބަޠަލް އުތީމު އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަށާއި، އެ ތަކުރުފާނާއެކު މި މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގަތް، އެންމެހާ މުޖާހިދުންނަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯތްބާއި ޤަދަރު ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުންނަށް ހެޔޮ ރަޙްމަތްލެއްވުން އެދި ދުޢާ ކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ޤައުމީ ދުވަސް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާޤީ ސިފަތައް އިޢާދަކުރުމަށާއި، ޤައުމީ ވިސްނުމާއި ޤައުމީ ރޫޙުން ހިތްތަކަށް ހަމަޖެހުން ގެނައުމަށް ކަމަށް ވެސް ވިދާޅުވެފައެވެ.