ޚަބަރު
ދިވެހީންގެ ޤައުމު، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެ: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---
ދިވެހީންގެ ޤައުމު، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، އުތީމު މަހާރަދުންގެ ޙަޔާތްޕުޅުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވަނީ، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު، އެ ޒަމާނެއްގެ ދިވެހީންނަށް އެނގުމުގެ މުހިންމުކަން ހަނދުމަފުޅުކޮށްދެއްވާފައެވެ.
މި ކަމުން ލިބޭ ފިލާވަޅަކީ އެ ޒަމާނަކާ ގުޅޭ ޢިލްމާ ހުނަރު އަޅުގަނޑުމެންގެ ކުދީންނަށް ދޭން ޖެހޭނެކަން. އަދި މިއީ ދިވެހީންކަން. ދިވެހި ވެށި، ދިވެހީންގެ ރާއްޖެ، ދިވެހީންގެ ޤައުމު ދިވެހީންނަށް ވަރަށް ފުންކޮށް އެނގެން ޖެހޭނެކަން.
ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، ކަޅުއޮއްފުންމި ބަންނަވައި ސިއްރުން އުތީމު މަހާރަދުން ހަނގުރާމައަށް ތައްޔާރުވެވަޑައިގަތް ގޮތް ފާހަގަކުރައްވާފައެވެ. މިކަމުން ދިވެހީންގެ ހަރުދަނާކަން ހާމަވެގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީން ތިބޭނީ ދިވެހީންގެ ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަމާ އެކީގައިކަން މިކަމުން ހާމަވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމުގެ ޙައްޤުގައި ޤުރުބާންވުމުގައި ވަކި ފަންތިއެއް، ގިންތިއެއް އަދި މިންތިއެއްވެސް ތަފާތު ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، އަލިރަސްގެފާނުން ފެށިގެން ގޮސް، ވިލިނގިލީ ރާވެރިބެއާ ހަމައަށް، ނޮޅިވަރަންފަރު އެދުރުކަލޭގެފާނާ ހަމައިން ކަނބާ އައިސާ އާއި ސިއްތި މާވާއާ ހަމައަށް، މުޙައްމަދު ތަކުރުފާނުން ފެށިގެން ދުވާފަރު ދަންޑަހެލާ ހަމައަށް، އެކި ފަންތީގެ، އެކި މިންތީގެ، އެކި ގިންތީގެ ދިވެހީން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ ޛިކުރާ އައު ކުރައްވާފައެވެ.