ޚަބަރު
ރައީސުލްޖުމްހޫރިއްޔާ "ވާހަކަ ވައު" ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ "ވާހަކަ ވައު" ހުޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ހއ. އުތީމުގައި ތަރައްޤީކޮށްފައިވާ ތާރީޚީ "ވާހަކަ ވައު" ހުޅުއްވައިދެއްވައިފިއެވެ.
އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްޤީކޮށްފައިވާ މި ތާރީޚީ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ރަށަށް ކުރައްވަމުންގެންދަވާ ޒިޔާރާތުގެ ތެރެއިން، މިކަމަށް ޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމު ޢަބްދުﷲ އާއި ދަޢުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. އަދި ދިގުމުއްދަތެއްގައި ދަޢުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންނާއި، ބޭރު ޤައުމުތަކުން ވަޑައިގެން ތިއްބެވި ޑިޕްލޮމެޓުންނާއި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ދިވެހި ތާރީޚީ ބިނާއެއްކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ޤުދުރަތީ ވަލުގެ ތެރޭގައި ތަރައްޤީކުރެވިފައިވާ "ވާހަކަ ވައު" އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި އެ ޖިހާދު އިހުސާސްކޮށްދިނުމަށް ޓަކައި ތާރީޚުގެ ތެރެއަށް ހިނގާލެވޭ ހިނގާލުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕާކެކެވެ.
މި ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނާނެއެވެ. އެގޮތުން، މިލާދީ ސަނަތުން 1558 ގައި، މާލެ އިސްތިޢުމާރު ކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، މީލާދީ ސަނަތުން 1573 ގައި ލިބުނު ފަޚްރުވެރި ނަޞްރާ ހަމައަށް ވާހަކަތައް ގެނެސްދެވިފައި ހުންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ޕާކަކީ، ފަންނުވެރިކަމާއި ޤުދުރަތީ ރީތިކަމާއި ތާރީޚު އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިވެގެންދާފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ޕާކެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤައުމިއްޔަތަށް ދެއްވާ ޚާއްޞަ އަހަންމިއްޔަތާއެކު ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
"ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢު"ގެ ދަށުން ސަރުކާރުން އަމާޒު ހިފާފައި ވަނީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ޤައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.