ޚަބަރު
ރާއްޖެ ހަމަމަގަށް ގެންދިއުމުގެ ބާރު އޮތީ ދަރިވަރުންގެ އަތްމަތީގައި: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުތީމުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް
ކުރިމަގުގައި ދިވެހިރާއްޖެ ހަމަމަގަށް ގެންދިއުމުގެ އަސްލު ބާރު އޮތީ މިއަދުގެ ދަރިވަރުންގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހއ. އުތީމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، އެރަށުގެ ސްކޫލް ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރައްޔިތުންނާއި، ޚާއްޞަކޮށް ޒުވާނުންގެ އަޑުއަހައިގެން ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ދަރިވަރުންގެ ޚިޔާލުތަކަކީ ސަރުކާރުން ނުހަނު އަގުހުރި އެއްޗެއްގެ ގޮތުގައި ބަލައިގަންނަ ކަމެއްކަން ފާހަގަކުރައްވައި، ދަރިވަރުން ފާޅުކުރި ޝުޢޫރުތަކާއި ހުށަހެޅި ކަންކަން ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު ޕްރޮގްރާމެއް ކަމަށެވެ. އަދި މިހާރުގެ ޖާގައަށް ބަލާއިރު އަހަރަކު 1000 ކުދިން ތަމްރީނު ކުރެވޭއިރު، ކޮންމެ ފަހަރަކުވެސް ބޭނުންވާ މިންވަރަށްވުރެ ދެގުނަ އިތުރަށް ކުދިން ކުރިމަތިލަމުންދާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.
އުތީމު ސްކޫލުގެ ދަރިވަރުންނާ ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދަރިވަރުން ވަނީ އެކުދިންނަށް ދިމާވެފައިވާ ބައެއް ދަތިތައް ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން ސްކޫލުގައި މަލްޓި ޕަރޕަސް ހޯލެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުޅިވަރު ކުޅޭނެ އެކަށީގެންވާ ޖާގައެއް ނެތުމުގެ ކަންބޮޑުވުން ދަރިވަރުން ފާޅުކުރިއެވެ. އަދި ދަރިވަރުން ކުޅޭ ސަރަހައްދުގައި ޓަރފް އަޅައިދިނުމަށް އެދިފައިވާއިރު، ރަށު ކައުންސިލުން އެކަމަށް ބިމެއް ހަމަޖައްސާފައިވާކަންވެސް ދަރިވަރުން ފާހަގަކުރިއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިވަގުތު ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް، ސްކޫލުގައި މަލްޓި ޕަރޕަސް ހޯލެއް ބިނާކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން، "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން އުތީމު ސްކޫލް އޭސީ ކުރެވިފައިވާތީ، އެކަމަށްޓަކައި ދަރިވަރުން ވަނީ ރައީސަށް ޝުކުރު އަދާކޮށްފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރިވަރުންގެ ހުރިހާ ކަންބޮޑުވުންތަކަކަށް ސަރުކާރުގެ ތެރެއިން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ކުރިމަގުގައިވެސް ދަރިވަރުންނާ ބައްދަލުކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތަކަށް އުންމީދު ކުރައްވާ ކަމަށެވެ.