ޚަބަރު
ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ، ހއ. އުތީމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މާލެ ވަޑައިގެންފިއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުލަގަދަގޮތެއްގައި ބާއްވާފައިވަނީ އުތީމު ގަނޑުވަރު ހުރި، ތާރީޚީ ހއ. އުތީމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޤައުމީ ދުވަހާ ގުޅޭ މުހިންމު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން، މުޙައްމަދު ތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުއްވައިދެއްވުމާއި، "ވާހަކަ ވައު" ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުން ހިމެނެއެވެ. މީގެ އިތުރުން، އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދައުލަތުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.
އުތީމަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ދަރިވަރުންނާވެސް ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.