Ads by Farudhun

ޚަބަރު

އިންޑޮނޭޝިއާއަށް އައި ބިންހެލުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

އިންޑޮނޭޝިއާއަށް އައި ބިންހެލުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުން ލިބުނު ގެއްލުން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 އޯގަސްޓު 2026، 10:14

16 އޯގަސްޓު 2026، 10:14

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު،  އެ ޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ތަޢުޒިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑޮނޭޝިއާގެ ރައީސަށާއި ސަރުކާރަށް އަދި އެކުވެރި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ، މި ހާދިސާގައި ޢާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކަށް ހަމްދަރުދީ ފާޅުކުރައްވާފައިވެއެވެ.

މީގެއިތުރުން، ގެދޮރު ގެއްލުނު ޢާއިލާތައް ހިމެނޭހެން، މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި  މީހުން ސަލާމަތްކުރުމަށާއި ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާލައްވަމުން ވަނީ،  އިންޑޮނޭޝިއާ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ހެޔޮދުޢާ ފޮނުއްވާފައެވެ.

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ހޮނިހިރު ދުވަހު އިންޑޮނޭޝިއާއަށް 2 ބިންހެއްލުމެއް އައިސްފައިވެއެވެ. އެގޮތުން،  ފަތިހުގެ ވަގުތެއްގައި ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާއިރު، އެ ގައުމުގެ ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން އެކަމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރުނެވެ.

ދެވަނަ ބިންހެލުން އައިސްފައިވަނީ ބިމުގެ 158 ކިލޯމީޓަރު (98.18 މޭލު) އަޑިން، ރިކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގެ ޓެކްޓޯނިކް ޕްލޭޓްތައް ބައްދަލުވާ ސަރަހައްދެއްގައި އޮންނަ ގައުމަކަށްވުމުން، އެ ގައުމުގައި އަބަދުވެސް ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450