ޚަބަރު
އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އައްޔަނުކުރުމަށް ނަން ފޮނުއްވައިފި
ޖަމީލާ އަލީ ޚާލިދު---
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ޚާލިދު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ފޮރިން ސާސިވްސް ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އައްޔަނުކުރުމަށް ހަމަޖެހިފައިވުމާއި ގުޅިގެން، ޖަމީލާ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ މަޝްވަރާ ހޯދައިދެއްވައި މަޖިލީހުގެ ނިންމުން އަންގަވައިދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.
އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް ރައީސް، އެކަމަނާ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް އައްޔަނުކުރެއްވުމާއި ގުޅިގެން އެމަޤާމު އޮތީ ހުސްކޮށެވެ.
މި މަޤާމަށް ޖަމީލާ އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މި މަޤާމަށް އޭނާ އައްޔަނުކުރެވޭނީ، ކޮމިޓީން ދިރާސާކުރުމަށްފަހު، މަޖިލީހުން ނަގާ ވޯޓުގައި އެގޮތަށް ފާސްކުރުމުންނެވެ.
ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ޙާޞިލުކުރައްވާފައިވާ ޖަމީލާއަކީ، މީގެ ކުރިން ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައެޅި ސަފީރުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. ހަމައެއާއެކު، އޭނާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަސްއޫލިއްޔަތު ވެސް އަދާކުރައްވާފައެވެ.