Ads by Farudhun

ޚަބަރު

އައްޑޫއަކީ ވިޔަފާރިއާއި ވަޒީފާގެ ގޮތުން ތަނަވަސް ތަނަކަށް ހެދުމަށް ދަނީ މަސައްކަތް ކުރެވެމުން: ރައީސް ޑރ. މުޢިއްޒު

އައްޑޫއަކީ ވިޔަފާރިއާއި ވަޒީފާގެ ގޮތުން ތަނަވަސް ތަނަކަށް ހެދުމަށް ދަނީ މަސައްކަތް ކުރެވެމުން: ރައީސް ޑރ. މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޯގަސްޓު 2026، 01:20

16 އޯގަސްޓު 2026، 01:20

އައްޑޫ ސިޓީއަކީ ވިޔަފާރިއާއި ވަޒީފާގެ ގޮތުން ތަނަވަސް ތަނަކަށް ހެދުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ 6 ވަނަ އެޕިސޯޑުގައި "ރާއްޖޭގެ އުމްރާނީ ތަރައްޤީ" އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީއަކީ އައްޑޫ ސިޓީކަމަށްވުމާއެކު، އެ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިވަގުތު އައްޑޫއަށް އެންމެ ބޮޑަށް ބޭނުންވަނީ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ. އެހެންކަމުން، އައްޑޫގެ ކުދި ވިޔަފާރިވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބޭނެ ގޮތްތަކަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫއަކީ މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ތަނަކަށް ހެދުމަށް 3 އަހަރު ދުވަހުގެ މަޝްރޫޢެއް އަންނަ އަހަރު ފަށާނެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވާނެކަން ހަނދާންކޮށްދެއްވަމުން، އެކަމުގެ އިތުރު ތަފްސީލުތައް ރައީސް ވަނީ ޕޮޑްކާސްޓުގައި ހިއްސާކުރައްވާފައެވެ.

3 އަހަރު ދުވަހަށް ބިމު ކުލި ނުވަތަ ސަރުކާރަށް ދައްކަން ޖެހޭ ފީތަކުން ލުއި ދިނުން ފަދަ ކަންކަން ކުރާނެ މި މަޝްރޫޢުގެ ދަށުން. އަދި އައްޑޫއަކީ ވިޔަފާރިއަށް ޚާއްސަ ސަރަހައްދަކަށް ހެދުމަށް މަސައްކަތް ފެށޭނެ. ހަންކެޑެ ޕްރޮޖެކްޓާއެކު ޓުއަރިޒަމް ދާއިރާއަށް ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ. އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން އެކަންކަން ފެންނާނެ ވަރަށް އަވަހަށް

      ރައީސް ޑރ. މުޙައްމަދު މުޢިއްޒު 

މީގެއިތުރުން، އައްޑޫ ހިމެނޭހެން އެކި ސިޓީތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ހޮސްޕިޓަލްތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކަކީ ބޭރުގެ ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، މިސާލަކަށް ފުވައްމުލަކު ހޮސްޕިޓަލަކީ ބޭރު ފަންޑަކަށް ކަނޑައަޅާފައިވާ މަޝްރޫޢެއް ކަމަށާއި، އެ ޕްރޮސެސް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގެ އެކި ސިޓީތަކުގެ ތަރައްޤީގެ އަދާހަމަތައް ހިއްސާކުރައްވަމުން، ތިނަދޫ ސިޓީގެ އެއަރޕޯޓު މަޝްރޫޢަކީ އެ އަތޮޅަށްޓަކައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދުކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ކުޅުދުއްފުށީ ސިޓީގައި އެންމެ އިސްކަމެއް ދެއްވަނީ ހައުސިން މަޝްރޫޢުތަކަށް ކަމަށާއި، ސަރުކާރު ހަވާލުވިއިރު ހުއްޓިފައި އޮތް 400 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު 2000 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ ބަނދަރުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450