ޚަބަރު
އިންސާނީ އެހީދޭ ފަރާތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކުރަން: ރަައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އަނިޔާވެރި އަމަލުތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، އިންސާނިއްޔަތަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އިންސާނީ ޚިދުމަތްތެރިންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތް ކަމަށެވެ.
ރައީސްގެ މެސެޖުގައި، އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރު ދުނިޔޭގައި އިތުރުވަމުންދާ މި ދަނޑިވަޅުގައި، އާންމު ރައްޔިތުންނާއި އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ ދުނިޔެ ނުކުޅެދިފައިވާކަން އެންމެ ބޮޑަށް ފެންނަމުންދަނީ ފަލަސްޠީނުގެ ޣައްޒާއިން ކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި، އެހީދޭ މުވައްޒަފުންނަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ޣައްޒާގައި މިހާރުން މިހާރަށް ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާ ގޮވާލުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
މީގެއިތުރުން، އިންސާނީ ޚިދުމަތުގައި ދެމިތިބި ފަރާތްތަކަށާއި، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ފުރާނައިން ޤުރުބާންވި ފަރާތްތަކުގެ އަގުވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެފަރާތްތަކަށް އިޙުތިރާމް އަދާކުރައްވާފައެވެ. އަދި އެފަރާތްތަކުން ދައްކުވައިދިން މަތިވެރި ހިތްވަރަކީ، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތައް ނެގެހެއްޓުމަށާއި، ހުރިހާ އިންސާނީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ލިބޭ މުހިންމު ހަނދާންކޮށްދިނުމެއް ކަމަށްވެސް ވިދާޅުވިއެވެ.
On #WorldHumanitarianDay, we stand in solidarity with humanitarian personnel around the world who risk their lives in the service of humanity.
— Dr Mohamed Muizzu (@MMuizzu) August 19, 2026
At a time of growing humanitarian need, nowhere is the failure to protect civilians and aid workers more evident than in Gaza. The… pic.twitter.com/DkuRXh750F
ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަސް ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިންސާނީ ޚިދުމަތުގައި ދެމިތިއްބާ ޝަހީދުވި އަދި އަނިޔާވި ފަރާތްތަކުގެ ޒިކުރާ އާކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި ހަމައެއާއެކު، އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ކަންކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، އެކި ކާރިސާތަކުގައި އާންމުންނާއި އެހީދޭ މުވައްޒަފުންގެ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރުކުރުމަށް ވަކާލާތުކުރުމަކީ މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދެވެ.