ކުޅިވަރު

މޮނާކޯއިން ޕޮގްބާގެ ކޮންޓްރެކްޓު ބާތިލްކޮށްފި

މޮނާކޯއިން ޕޮގްބާގެ ކޮންޓްރެކްޓު ބާތިލްކޮށްފި

ޕޮގްބާ މޮނާކޯގެ ޖާޒީގައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޯގަސްޓު 2026، 04:44

19 އޯގަސްޓު 2026، 04:44

ފްރާންސްގެ ކުރީގެ މިޑްފީލްޑަރު އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕައުލް ޕޮގްބާ، އެންމެ ސީޒަނަކަށްފަހު ފްރާންސްގެ މޮނާކޯއިން ދޫކޮށްލައިފިއެވެ. 

އުމުރުން 33 އަހަރުގެ ޕޮގްބާ މޮނާކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ނަމަވެސް، މޮނާކޯއިން ބުނީ އެއްބަސްވުން އަވަހަށް ނިންމާލަން ޖެހުނީ ދެފަރާތުން ކަނޑައެޅި ލަނޑުދަނޑިތައް އެކަށީގެންވާ މިންވަރަށް ހާސިލް ނުކުރެވުމުން ކަމަށެވެ. ވޭތުވެދިޔަ ސީޒަނުގައި ޕޮގްބާ މޮނާކޯއަށް ކުޅެދީފައިވަނީ އެންމެ ހަ މެޗެވެ. އޭގެ ތެރެއިން ފަސް މެޗުގައި އޭނާ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ކްލަބް ދޫކޮށްލުމަށްފަހު ވާހަކަދައްކަމުން ޕޮގްބާ ބުނީ، މޮނާކޯ ތަމްސީލުކުރުމަކީ ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އަދި އުއްމީދުކުރި ވަރަށް މެޗު ނުކުޅެވުނު ނަމަވެސް، އެ ޓީމުގެ ޖާޒީގައި ކުޅުމުގެ ފުރުސަތު ލިބުނީތީ އަބަދުވެސް ޝުކުރުވެރިވާނެ ކަމަށް އޭނާ ބުންޏެވެ.

ޕޮގްބާ މޮނާކޯއާ ގުޅުނީ ޔުވެންޓަސްގައި ހުއްޓާ ޑޯޕިން މައްސަލައެއްގައި ލިބުނު ސަސްޕެންޝަނަށްފަހު އަލުން ޕްރޮފެޝަނަލް ފުޓުބޯޅައަށް އެނބުރި އައުމުގެ ހުއްދަ ލިބުމުންނެވެ. ޕޮގްބާގެ މައްޗަށް އެޅި ހަތަރު އަހަރުގެ ސަސްޕެންޝަން، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން 18 މަސްދުވަހަށް ކުޑަކުރުމުން، 2025 ވަނަ އަހަރުގެ މާޗު މަހު އޭނާއަށް އަލުން ކުޅުމުގެ ފުރުސަތު ލިބުނެވެ. ޕޮގްބާ އަބަދުވެސް ބުނަމުން އައީ އެއީ އޮޅުމަކުން ވީ ކަމެއް ކަމަށެވެ.

މޮނާކޯގެ ސީއީއޯ ތިއާގޯ ސްކޫރޯ ވިދާޅުވީ، ޕޮގްބާ ސޮއިކުރިއިރު ވެސް އެއީ ބޮޑު އަދި އުނދަގޫ ގޮންޖެހުމެއްކަން އެނގޭ ކަމަށެވެ. ނަތީޖާ އުއްމީދުކުރި ގޮތަށް ނުނިކުތް ނަމަވެސް، އޭނާ އަލުން ދަނޑަށް ނުކުމެ ޕްރޮފެޝަނަލް ފުޓުބޯޅައަށް އެނބުރި އައުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް ވިދާޅުވެ، ޕޮގްބާގެ ކުރިމަގަށް އޭނާ ވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ބީބީސީ ސްޕޯޓްސްއިން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ ކްލަބްތަކުން މިހާރު ދަނީ ޕޮގްބާއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. މީގެ ކުރިން އޭނާ ޑީސީ ޔުނައިޓެޑް އަދި އިންޓަ މިއާމީއާ ގުޅެން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް، މިދިޔަ ހަފުތާގައި އިންގްލެންޑުގައި ބޭއްވި މޮނާކޯގެ ޕްރީ-ސީޒަން ޓްރެއިނިން ކޭމްޕުގައި އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން، އައު ކްލަބަކަށް ބަދަލުވުމުގައި ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450