Ads by Farudhun

ޚަބަރު

ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

22 އޯގަސްޓު 2026، 07:18

22 އޯގަސްޓު 2026، 07:18

ފަލާޙް ޕްރީސްކޫލްގެ 50 އަހަރު ފުރުން ނުވަތަ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި މި ޝަރަފުވެރި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލާޙް ޕްރީސްކޫލްގެ ރަސްމީ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ.

މީގެ އިތުރުން، އެ ސްކޫލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް ސްކޫލުގެ ފަރާތުން ދެއްވި ހަނދާނީ ފިލާ، އެ ފަރާތްތަކާ ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ފަލާޙް ޕްރީސްކޫލުގެ ރަންޔޫބީލް ލޯގޯ ފަރުމާ ކޮށްދެއްވި ފަރާތަށްވެސް މި ޖަލްސާގައި ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ.

މި ޖަލްސާގެ ތެރެއިން، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވެދުމަށް އަރުވާފައެވެ. މި ފިލާ އެމަނިކުފާނަށް އެރުވީ ފަލާޙް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް، އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އެކި މުޢައްސަސާތަކުގެ އިސްވެރިންގެ އިތުރުން ފަލާޙް ޕްރީސްކޫލްގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި، ދަރިވަރުން އަދި ތަޢުލީމީ ދާއިރާގެ ގިނަ އަދަދެއްގެ ޚިދުމަތްތެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަލާޙް ޕްރީސްކޫލަކީ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުލް ފަލާޙުން 1976 ވަނަ އަހަރު، މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްޞަދުގައި 'މަދްރަސަތުލް ފަލާޙް' ގެ ނަމުގައި އުފެއްދި މުއައްސަސާއެކެވެ. އޭގެ ފަހުން، 2001 ވަނަ އަހަރު ތުއްތު ކުދިންގެ ތަޢުލީމީ ގްރޭޑްތައް ތަޢާރަފްކޮށް، އެތަނުގެ ނަން ވަނީ 'ފަލާޙް ޕްރީސްކޫލް' ގެ ނަމަށް ރަސްމީކޮށް ބަދަލުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450