ޚަބަރު
ކުދި ޖަޒީރާ ޤައުމުތަކަކީ އީޖާދީ ވިސްނުމާއި ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ދައުލަތްތަކަކީ ހަމައެކަނި މޫސުމީ ނާޒުކުކަން އޮތް ބައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އީޖާދީ ވިސްނުމާއި ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފެށިގެން ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީ.ބީ.އެން) ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް (އައި.އައި.އެފް)" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނާޒުކު ހާލަތަކީ ޖަޒީރާ ޤައުމުތަކުގެ ޙަޤީޤަތުގެ އެއްބައެވެ. ނަމަވެސް، އޭގެ އަނެއް ފަރާތަކީ އެ ޤައުމުތަކުގެ ސާބިތުކަމާއި އަޒުމެވެ. އަދި ޖަޒީރާ ޤައުމުތަކުން ވަނީ އެ ޤައުމުތަކަށް ހުރި ހުރަސްތައް އައު އީޖާދުތަކަށް ބަދަލުކޮށް، ދުރުމިންތައް ގުޅުވައިދިނުމަކަށް އަދި ގޮންޖެހުންތައް ފުރުޞަތުތަކަކަށް ބަދަލުކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ސާބިތުކަން އެންމެ ބޮޑަށް ފެންނަނީ އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދުގެ މައި އިންޖީނު ކަމަށެވެ. އަދި ސަރުކާރުތަކަށް އެކަނި ހައްލު ނުހޯދޭ ގިނަ ކަންކަމުގައި މިފަދަ ވިޔަފާރިތަކުން އަމަލީ ހައްލުތައް ހޯދައިދޭކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޖަޒީރާ ޤައުމުތައް ކުޑަވުމަކީ ލިބޭ ފައިދާއަކަށް ހެދިދާނެ ކަމަށާއި، އެއީ އައު ޚިޔާލުތަކާއި، ޓެކްނޮލޮޖީ އަދި ހައްލުތައް ތަޖުރިބާކޮށް އާލާކުރާ މަރުކަޒުތަކަކަށް އެ ޤައުމުތައް ވެގެންދާތީ ކަމަށް ވިދާޅުވިއެވެ.
ޑިޖިޓަލް ގޮތުން ގުޅުވައިދިނުމަކީ މިހާރު ހަމައެކަނި މުވާޞަލާތީ ކަމެއް ނޫން ކަމަށާއި، އެއީ ވިޔަފާރިއާއި، މާލީ ޚިދުމަތްތަކާއި، ފަތުރުވެރިކަމުގެ އިތުރުން އުފެއްދުންތެރި ޞިނާޢަތްތައް ކުރިއެރުވުމަށް ބޭނުންވާ އިޤްތިޞާދީ އުމްރާނީ ވަސީލަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން ރާއްޖެއިން އަންނަނީ ޖިއޮގްރަފީ ގޮތުންނާއި ސައިޒުގެ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފަމުން ކަމަށް ބަޔާންކުރެއްވިއެވެ.
ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަލަށް ފަށާ ވިޔަފާރިތަކަށާއި ޒުވާން ވިޔަފާރިވެރިންނަށް، ޚާއްޞަކޮށް އަންހެނުން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މީގެއިތުރުން ޒަމާނީ ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ޤާނޫނާއި، 2027 ގެ ނިޔަލަށް ޤާއިމުކުރުމަށް ރޭވިފައިވާ 'ޓްރޭޑް އެކްސެލެރޭޝަން ޒޯން' އަދި ލޮޖިސްޓިކްސްއާއި ފްލޯޓިންގ ސޯލާ ހަކަތައިގެ ދާއިރާއިން ކުރެވެމުންދާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އދ. ގެ އެންމެ ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކާ ބެހޭ އޮފީސް (ޔޫ.އެން-އޯ.އެޗް.އާރް.އެލް.އެލް.އެސް) އަށް ގޮވާލައްވާފައެވެ. އެގޮތުން ޖީ.ބީ.އެން އަކީ ޖަޒީރާ ޤައުމުތަކުގެ އުންމީދީ ޚިޔާލުތަކާއި ވިޔަފާރިތައް، ފައިނޭންސާއި، ޓެކްނޮލޮޖީ، ބައިވެރިން އަދި ބާޒާރުތަކާ ގުޅުވައިދޭ މައިގަނޑު ޕްލެޓްފޯމަކަށް ހެދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.