ޚަބަރު
"ރައީސް ޑރ. މުޢިއްޒަކީ ވަޢުދުވެވަޑައިގަންނަވާ ބޭފުޅެއް ނޫން، އަމަލީ ގޮތުން ނަތީޖާ ދައްކަވާ ލީޑަރެއް" - އދ.ގެ ހައި ރެޕްރެޒެންޓެޓިވް
އދ.ގެ ހައި ރެޕްރެޒެންޓެޓިވް/ ރަބާބު ފާތިމާ - ފޮޓޯ: ޔޫއެން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ހަމައެކަނި ވަޢުދުތަކެއް ވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނަކީ އަމަލީ ގޮތުން ނަތީޖާ ދައްކަވާ ލީޑަރެއް ކަމަށް އދ.ގެ އިސް މަންދޫބަކު ވިދާޅުވެ، އެމަނިކުފާނުގެ ލީޑަރޝިޕަށްވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.
މިފަދައިން ވިދާޅުވީ ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތައް (ސިޑްސް) ގެ އިޤްތިޞާދީ އަދި ވިޔަފާރީގެ މުހިންމު ބައްދަލުވުންތައް ހުޅުވުމަށް މާލޭގައި ބޭއްވި "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ސިޑްސް ޖީ.ބީ.އެން) ފޯރަމް 2026" ގެ ރަސްމިއްޔާތަށް ވީޑިއޯ މެސެޖެއް ފޮނުއްވަމުން، އދ.ގެ ހައި ރެޕްރެޒެންޓެޓިވް ފޮރ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ޔޫ.އެން-އޯ.އެޗް.އާރް.އެލް.އެލް.އެސް) ގެ ރަބާބް ފާތިމާއެވެ.
ރަބާބް ފާތިމާ ފާހަގަކުރެއްވި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ޒުވާން ވިޔަފާރިވެރިންނަށް އިންވެސްޓްކުރުމަށް ރާއްޖެއިން ހަމައެކަނި ވަކާލާތު ކުރަނީ ނޫން ކަމަށާއި، މި މަސައްކަތްތަކުގެ އަމަލީ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުންނެވެ. އަދި މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން މިހާރު މުޅި ދުނިޔެއަށްވެސް ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމެއް ހޯދުމަށްޓަކައި ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކަމަށެވެ. އަދި ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަމާއި، ފަންނީ އެއްބާރުލުން ފޯރުކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންތަކުގެ ތަފްޞީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
މީގެއިތުރުން، އދ. އަށް އެންޓިގުއާ އެންޑް ބާބިއުޑާއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އެމްބެސެޑަރ ވޯލްޓަން ވެބްސަންވެސް ވަނީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ތަޢުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުދި ވިޔަފާރިތައް ބާރުވެރިކޮށް އިޤްތިޞާދު ކުރިއެރުވުމަށް ރައީސް ގެންގުޅުއްވާ ތަޞައްވުރަކީ އެހެން ކުދި ޖަޒީރާ ޤައުމުތަކަށް ނަމޫނާއެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ ބައިނަލްއަޤްވާމީ މަސައްކަތްޕުޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރައްވަނީ ކުދި ޤައުމުތަކަށް ފަސޭހައިން ތަރައްޤީގެ މާލީ އެހީ ލިބޭނެ މަގު ތަނަވަސްކުރުމަށާއި، ޒުވާނުންނާއި އަންހެނުންނަށް އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން އަރައިގަނެވޭނެ ފަދަ ވަރުގަދަ އިޤްތިޞާދީ ނިޒާމެއް ބިނާކުރުމަށެވެ.