ޚަބަރު
މަރްޙޫމް ޢަލީ ޝަފީޤަކީ ދީނަށް ލޯބިކުރެއްވި، މުޖުތަމަޢުގެ އިޙްތިރާމް ލިބިވަޑައިގެންނެވި ޚިދުމަތްތެރިއެއް: ރައީސް
އަލްއުސްތާޛު ޢަލީ ޝަފީޤް - ފޮޓޯ: ރައީސް
ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ރިޓަޔަރޑް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަފީޤަކީ ދީނަށް ލޯބިކުރެއްވި، ޚުލްޤުހެޔޮ، އަދި މުޖުތަމަޢުގެ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވައި މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޢަލީ ޝަފީޤަކީ ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެއްގެ އިތުރުން، ދ. މީދޫ އަދި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މާތް މަސައްކަތް ދިގު މުއްދަތެއްގައި ކުރެއްވި ކުޅަދާނަ ޤާރީއެއް އަދި އެދުރުބޭކަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެމަނިކުފާނުގެ ޢާއިލާއަށާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.
އަދި މާތް ﷲ ގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަލީ ޝަފީޤް ލެހެއްޓެވުން އެދިވަޑައިގެން، ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.