Ads by Farudhun

ޚަބަރު

ޕާކިސްތާނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ޕާކިސްތާނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ހޮސްޕިޓަލްގެ މޯޗަރީ ކައިރީގައި ފުލުހުންނާއި އާންމުން / ފޮޓޯ: ބީބީސީ

farudhun logo

ފަރުދުން

26 އޯގަސްޓު 2026، 04:46

26 އޯގަސްޓު 2026، 04:46

ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގައި މިއަދު ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޕިމްސް ހޮސްޕިޓަލުގައި ހިނގި މި ހާދިސާގައި، ވިހޭތާ ގިނަ ދުވަސްތަކެއް ނުވާ ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެން ދިޔަ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި މި ބޮޑު ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ހިތާމަވެރިކަން ތަޙައްމަލު ކުރަމުންދާ އާއިލާތަކާއެކުގައި ކަމަށާއި، އެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ.

ހަމައެއާއެކު، މި ހާދިސާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަޙުޤީޤުގެ ސަބަބުން، ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ޕާކިސްތާން ޕިމްސްގެ މަދަރ އެންޑް ޗައިލްޑް ސެންޓަރުގެ ތިންވަނަ ފަންގިފިލާގައެވެ. ޕާކިސްތާނުގެ ޖިއޯ ޓީވީން ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވި ކުދިންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ވަކިވެދިޔަ ކުދިންގެ އާއިލާތަކަށް ނުހަނު ފުން ހިތާމައާއި ތައުޒިޔާ" ފޮނުއްވާ ކަމަށެވެ. އަދި މިކަމުގައި އިހުމާލުވި ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450