ޚަބަރު
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިޘާއާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ދިވެހިރާއްޖެ އަދި ނޭޕާލްގެ ދިދަ ފޮޓޯ: ރައީސް އޮފީސް
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ނޭޕާލަށް ކުރިމަތިވި މި ހިތާމަވެރި ހާދިސާގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، މުދަލަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ފުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުގެ ބޮޑުވަޒީރަށާއި، ސަރުކާރަށް އަދި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރައްވާފައެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންދާ އެ ޤައުމުގެ އިމަޖެންސީ ޓީމުތަކުގެ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ތަޢުރީފު ކުރައްވާފައެވެ.
ނޭޕާލުގެ ހިމާލަޔާ ފަރުބަދަތަކުގެ ސަރަޙައްދުގައި އޮންނަ ކޯރެއް ބަންޑުންވުމުގެ ސަބަބުން ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ، މިހާތަނަށް މަދުވެގެން 8 މީހުން ވަނީ މަރުވެފައެވެ. މި ޙާދިސާގައި މަގުތަކާއި، ބްރިޖުތަކުގެ އިތުރުން އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ނޭޕާލް ސަރުކާރުން މިހާރު ދަނީ ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށްޓަކައި އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުންކުރަމުންނެވެ.
ނަމަވެސް، ނޭޕާލުގެ ރަސުވާ ސަރަޙައްދުގައި ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ، މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރު ޖެއްސުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެ ސަރަޙައްދުގެ އެޑްމިނިސްޓްރޭޓަރު ނަރެންދުރަ ޕަރިޔާރު ވިދާޅުވީ، މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ބޯޓޭ ކޯޝީ ކޯރުގެ އައްސޭރީގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މިފަހަރު ފެންބޮޑުވާން ދިމާވި މައިގަނޑު ސަބަބު އަދި މުޅިން ކަށަވަރުވެފައި ނުވި ނަމަވެސް، ވޭތުވެދިޔަ އަހަރުވެސް މި ކޯރުގެ ސަބަބުން ވަރުގަދަ ފެންބޮޑުވުމެއް ހިނގާފައިވެއެވެ. އެއީ ޓިބެޓުގައިވާ ގްލޭޝިއަރ ކޯރެއް ފުރިގެން ބަންޑުންވުމުގެ ސަބަބުން ދިމާވި ޙާދިސާއެކެވެ. އެ ފަހަރުގެ ކާރިޘާގައި 9 މީހުން މަރުވެ، ނޭޕާލާއި ޗައިނާ ގުޅުވައިދޭ މުހިންމު ބުރިޖެއްވެސް ވަނީ ހަލާކުވެފައެވެ. ޓިބެޓުން ފެށިގެން ނޭޕާލް ހުރަސްކޮށް އިންޑިއާއާ ހަމައަށް ދެމިގެންދާ މި ކޯރުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން މިހާރުވެސް ސަމާލުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.
President extends condolences to Nepali Prime Minister following the flood https://t.co/fURTx93PiV
— The President's Office (@presidencymv) August 26, 2026