Ads by Farudhun

ޚަބަރު

ތިލަމާލެ ބްރިޖުގެ ފެންވަރު ރަނގަޅުވާނެ، ކޮލިޓީ ބަލަހައްޓަނީ ސިނަމާލެ ބްރިޖްގެވެސް މަސައްކަތްކުރި ކުންފުނިން: ރައީސް

ތިލަމާލެ ބްރިޖުގެ ފެންވަރު ރަނގަޅުވާނެ، ކޮލިޓީ ބަލަހައްޓަނީ ސިނަމާލެ ބްރިޖްގެވެސް މަސައްކަތްކުރި ކުންފުނިން: ރައީސް

ތިލަމާލެ ބްރިޖް މަޝްރޫޢު ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 09:57

26 އޯގަސްޓު 2026، 09:57

ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށާއި، ބްރިޖުގެ ކޮލިޓީ ޔަޤީންކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިނަމާލެ ބްރިޖްގެ ކޮލިޓީވެސް ކަށަވަރުކުރި ދުނިޔޭގެ މަޝްހޫރު ކުންފުނިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މިވަނީ ތިލަމާލެ ބުރިޖްގެ ކޮލިޓީއާމެދު ބައެއް ފަރާތްތަކުން ހަޤީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ތިލަމާލެ ބުރިޖްގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޝްރޫޢަކީ މި ސަރަޙައްދުގެ ތަރައްޤީއަށް، ޚާއްސަކޮށް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިހާރު މާލެއާއި ވިލިމާލެ ބުރިޖުން ގުޅާލެވިފައިވާ ކަމަށާއި، ބްރިޖްގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ގުޅީފަޅާ ހަމައަށް ގުޅާލުމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އުންމީދަކީ ލަސްތަކެއް ނުވެ މި ބްރިޖު އާންމުންނަށް ހުޅުވާލުން ކަމަށްވެސް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދުކުރަން. ތިލަފުއްޓާ ހަމައަށް ގުޅާލައިގެން މުޅި މަޝްރޫޢު ނިންމާލެވޭނީ

       ރައީސް 

ބުރިޖުގެ ފެންވަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބްރިޖުގެ ކޮލިޓީ ވަރަށް ރަނގަޅުވާނެ ކަމަށެވެ. އެގޮތުން ސިނަމާލެ ބްރިޖުގެ ކޮލިޓީ ބެލެހެއްޓި އާރޮޕް ކުންފުނިން މި މަޝްރޫޢުގެ ކޮލިޓީވެސް ބަލަހައްޓަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިނަމާލެ ބްރިޖްގެ ކޮލިޓީ ބަލަހައްޓަން ހަޔަރ ކުރި ކުންފުނި. އާރޮޕްއަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއްކުންފުނި. އޭރުވެސް އެ ކުންފުނީގެ އިސްކޮށް ހުރި ޑިރެކްޓަރ ތިލަމާލެ މަޝްރޫޢުގައިވެސް އުޅޭނީ. އެ ކޮލިޓީގައި މި މަޝްރޫޢުވެސް ކުރިއަށްގެންދާނެ. ވަރަށް ގާތުން ބަލަމުންދަނީ

      ރައީސް 

މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ފެށި މަސައްކަތްތަކުގެ ތެރޭގައި، ލަސްވެފައިވާ ބުރިޖުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު މަޝްވަރާތައް ފެށުން ހިމެނެއެވެ. ނިމިދިޔަ ސަރުކާރުގައި އެ ދައުރުގެ ތެރޭގައި ނިންމުމަށް އެއްބަސްވި ނަމަވެސް، ދައުރު ނިމުނުއިރު ނިމިފައިވަނީ މަޝްރޫޢުގެ ގާތްގަނޑަކަށް %30 މަސައްކަތެވެ.

މިހާރުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް މުޅި ބުރިޖުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށެވެ. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ތިލަމާލެ ބްރިޖުގެ މުޅި މަޝްރޫޢުގެ %76 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ މި މަޝްރޫޢުގައި މި ރަށްތައް ހުރަސްކުރާނީ ހައިވޭތަކަކުންނެވެ. މި ހައިވޭތައް ހެދުމުގެ މަސައްކަތް އެކުއެކީގައި ކުރިއަށްދާއިރު، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ދަނީ ބާރު ދުވެލީގައެވެ. އަދި ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުރެއެވެ.

މުޅި މި ބިޔަ މަޝްރޫޢަށް 500 މިލިއަން ޑޮލަރު (7 ބިލިއަނަށްވުރެ ގިނަ ރުފިޔާ) ޚަރަދުވާއިރު، މި މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުންވެސް ޚަރަދުކޮށްގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450