ޚަބަރު
ޑޮލަރުގެ ސިޔާސަތަށް ބަދަލު ގެންނަނީ ދިރާސާކުރުމަށްފަހު: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢުއްޒު---
ޑޮލަރުގެ ސިޔާސަތަށް ބަދަލު ގެންނަނީ ދިރާސާކުރުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އެ މަނިކުފާނު މިފަދައިން ފާހަގަކުރެއްވީ، ޑޮލަރުގެ ތާށިކަން ހައްލުކުރުމުގެ ގޮތުން ދައުލަތުން ތަންފީޒުކުރަމުން އަންނަ ފިޔަވަޅުތަކާ މެދު ތަފާތު ފަރާތްތަކުން ފާޅުކުރަމުންދާ ޚިޔާލުތަކަށް ރައްދުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، ޖުމްލަކޮށް ރައްޔިތުން މި ފިޔަވަޅުތަކަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށް، ޚާއްސަކޮށް ބޭރު ފައިސާއާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަށް މި ފިޔަވަޅުތަކަކީ އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ޤަބޫލުކުރައްވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަމުން ގެންދަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވިގެން އަދި ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް (ފެކްޓް ބޭސްޑްކޮށް) ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުއްލިއަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މިއީ އެތައް ދުވަހެއްގެ މަޝްވަރާ އާއި ޓެކްނިކަލް އިވެލުއޭޝަންތަކާއި، ދިރާސާތަކާއި، ބޭރު ގައުމުތަކުގައި މިކަންކަން ކޮށްފައި ހުންނަ ގޮތާއި، މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންގެ ޓީމްތަކުން ބަލާ.
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ބޭރު ފައިސާއާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކަޅު ބާޒާރުގެ މައްސަލައަކީ އަލަށް އުފެދިގެން އުޅޭ ކަމެއް ނޫން ކަމަށާއި، އެއީ ސަރުކާރު ވެރިކަމާއި ހަވާލުވީއިރު ވެސް އޮތް މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް ޤައުމުގެ ދަރަނިތައް އަދާކުރުމަށާއި، އިޤްތިޞާދީ ހާލަތު އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ދައްކާފައިވާކަން ފާހަގަކުރައްވައި، ޤައުމުގެ އިޤްތިޞާދު ހަރުދަނާކުރުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، އެތެރޭގެ އެކި މުޢާމަލާތްތަކުގައި ބޭރު ފައިސާ ބޭނުންކުރުން ފަދަ ކަންކަން ވަނީ ވަކި އާދައަކަށް ބައްޓަންވެފައެވެ. މިކަންކަން ބަދަލުކުރުމަށް ވަގުތު ނެގި ނަމަވެސް، ޚާއްޞަ ތަރުތީބެއްގެ ދަށުން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މި މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.