ޚަބަރު
ޝުޢައިބު ޔޫސުފް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަދި ޝުޢައިބު ޔޫސުފް ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްފާޟިލް ޝުޢައިބު ޔޫސުފް މިއަދު ޢައްޔަނުކުރައްވައިފިއެވެ.
އަލްފާޟިލް ޝުޢައިބު ޔޫސުފް މި މަޤާމަށް ޢައްޔަން ކުރެއްވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ޚާއްޞަކޮށް ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ޝުޢައިބު ޔޫސުފަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. ހަމަ އެއާއެކު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޢައިބު ޔޫސުފް މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން އެ ބޭފުޅާއާ ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ، ވަޒީފާއާ ގުޅޭ މައްސަލަތައް ބަލައި ޙައްލުކުރުމަށް ޤާނޫނީ ބާރު ލިބިދެވިފައިވާ މިނިވަން މުއައްސަސާއެކެވެ. މި ޓްރައިބިއުނަލަށް ޤާބިލް ބޭފުޅުން ޢައްޔަންކުރެއްވުމަކީ، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، ދިވެހި ރައްޔިތުންނަށް ހަރުދަނާ ޢަދުލީ ނިޒާމެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ހިމެނޭ ކަމެކެވެ.