ޚަބަރު
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ވަރުގަދަ ރަމްޒެއް: ރައީސް
ރައީސުލްޖުމަހޫރިއްޔާ ބްރިޖު ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ވަރުގަދަ ރަމްޒެއް ކަމަށް ރައީސުލްޖުމަހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ވިދާޅުވީ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފެށިތާ 8 އަހަރުފުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.
މި ޕޯސްޓުގައި އެމަނިކުފާނު ވަނީ، މި މަޝްރޫޢަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގާތްރަޙުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ހަމައެކަނި އުމްރާނީ ތަރައްޤީގެ ބިނާއެއް ނޫން ކަމަށާއި، އެއީ އިތުބާރާއި، އެއްބައިވަންތަކަމާއި، ދެ ޤައުމުގެ ގުޅިފައިވާ އުންމީދުތައް ދައްކުވައިދޭ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ޗައިނާގެ ރައީސް ޝީޖިންޕިންގެ ވެރިކަމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާވެ، ކުރިމަގުގައި ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ގިނަގުނަ ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެއެވެ. މީގެއިތުރުން، މި މަޝްރޫޢަށް އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ޤައުމުގެ އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
Eight years ago today, the China–Maldives Friendship Bridge was opened as a powerful symbol of the enduring friendship between our two nations, connecting our Capital, Malè to the Airport and Hulhumalé.
— Dr Mohamed Muizzu (@MMuizzu) August 30, 2026
More than infrastructure, it represents the trust, solidarity and shared… pic.twitter.com/8mxqD6POyL
ސިނަމާލެ ބުރިޖު ބޭނުންކުރަން ފެށިތާ 8 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ވަޑައިގެން އެސަރަޙައްދު ބައްލަވާލައްވާފައިވެއެވެ. އެމަނިކުފާނު އެސަރަޙައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ، ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސަރަހައްދުގެ ޕާކުގައި ބަހައްޓާފައިވާ، ބުރިޖު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ބުރިޖު ރަސްމީކޮށް ހުޅުވުމުގެ ތާރީޚީ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ބައްލަވާލައްވާފައެވެ.
ސިނަމާލެ ބުރިޖު ރަސްމީކޮށް އާންމުންނަށް ހުޅުވައިލީ 30 އޮގަސްޓް 2018 ގައެވެ. މި ބުރިޖު ބިނާކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދާކުރައްވަމުން ގެންދެވީ ހައުސިންގ މިނިސްޓަރުކަމުގެ މަޤާމެވެ.
މި ބުރިޖުގެ ދިގުމިނަކީ 1.38 ކިލޯމީޓަރެވެ. އަދި 20.3 މީޓަރުގެ ފުޅާމިން ހުންނަ މި ބުރިޖުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ ދެ ލޭނާއި، ސައިކަލުތަކަށް ވަކި ލޭނެއް ހިމެނެއެވެ. ސިނަމާލެ ބުރިޖަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެ ބޮޑެތި އުމްރާނީ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ. ވެރިރަށް މާލެއާއި، ވައިގެ ބަނދަރު އޮންނަ ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅުވައިލަދިން މި ބުރިޖަކީ، އިންޖިނިއަރިންގ އަދި ތަރައްޤީގެ ރޮނގުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ މުހިންމު އެއް މަޝްރޫޢެވެ.