ޚަބަރު
އިންޖިނިއަރިންގެ ދާއިރަތަކުން ތަހުލީލުތައް ކުރެވޭ ލެބޯޓްރީ ފެސިލިޓީއެއް ޤާއިމުކުރުމަށް ގަސްތުކުރަން: ރައީސް
ރައީސް ސިނަމާލެ ބްރިޖަށް ޒިޔާރާތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
އިންޖިނިއަރިންގެ އެކިއެކި ދާއިރަތަކުން ތަހުލީލުތަކާއި، ރިސާޗްތައް ހެދޭނެ، އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ އިމާރާތެއް ޤާއިމުކުރުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.
ބިނާކުރަން ގަސްތުކުރައްވާފައިވާ އިމާރާތުގައި، އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަހުލީލުތައް ހެދޭނެ ކަމަށާއި، މި ދާއިރާއިން ކިޔަވައިގެން ކުރިއަށްދިއުމަށް ބޭނުންވާ ދަރިވަރުންނަށް އިމާރާތުގެ ސަބަބުން އެކި ކަހަލަ ފުރުސަތުތައް ފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމާޒަކީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް އެ ފެސިލިޓީގައި ތަހުލީލުތައް ކުރުމުގެ ފެންވަރު ހުރި އިމާރާތެއް ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރައްވާފައިވާ އިންޖިނިއަރިންގެ ދާއިރާތަކުގެ ތެރޭގައި، ސިވިލް އިންޖިނިއަރިންގް، މެކޭނިކަލް އިންޖިނިއަރިންގް، އިލެކްޓްރިކަލް އިންޖިނިއަރިންގް، ސޮފްޓްވެއަރ އިންޖިނިއަރިންގް، އެއިރޯނޮޓިކަލް އިންޖިނިއަރިންގް، ރޮބޮޓިކް އިންޖިނިއަރިންގް، އޭއައި އަދި ޑިޖިޓަލް އިންޖިނިއަރިންގް ހިމެނެއެވެ.
ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ އިމާރާތް ޤާއިމުކުރުމަށް ޓަކައި ބޭނުންވާ ފަންނީ މަސައްކަތްތަކާއި، އިންވެސްޓްމެންޓްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެ ކަމަށާއި، މިކަން ގެންދާނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެ، ދެމެހެއްޓެނިވި ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަން ވެގެންދާނީ ދިވެހިރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިން އިތުރުވެގެން ދިއުމަށާއި، ރާއްޖެއަކީ އިންޖިނިއަރިންގެ އެކި ފީލްޑްތަކުން ތަރައްޤީގެ މައިދާނުގަ ވަރަށް މަތީ ފެންވަރަކަށް ގެންގޮސްދޭނެ ކަމަކަށް،
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އިންޖިނިއަރިންގް ދުވަހުގެ ތަހުނިޔާ އެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.
ޤައުމީ ފެންވަރެއްގައި ރާއްޖޭގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ އަހަރުގެ ޖޫން 15 ގައެވެ. މި ދުވަސް އޯގަސްޓް 30 ގައި ފާހަގަކުރަން ހަމަޖެއްސެވީ، ރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެ ބިޔަ އުމްރާނީ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބުރިޖު އިފުތިތާޙު ކުރެވުނު ތާރީޚަކީ އެއީ ކަމަށް ވާތީއެވެ.