ސައިންސް / ދުނިޔެ
ދުނިޔޭގައި ފުރަތަމަ ފަހަރަށް އޭއައިގެ އެހީގައި ސިކުނޑީގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި
ޕޭޝަންޓްގެ ސީޓީ ސްކޭން ގެ ފޮޓޯއެއް
ދުނިޔޭގައި ފުރަތަމަ ފަހަރަށް، ލައިވް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ސިކުނޑީގެ ނުރައްކާތެރި އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށް، ބަލިމީހާގެ ސިކުނޑީގައި އުފެދިފައިވާ ޓިއުމަރެއް ނަގައިފިއެވެ.
އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކޮލެޖް ލަންޑަން ހޮސްޕިޓަލް (ޔޫސީއެލްއެޗް) ގެ ޑޮކްޓަރުން މި އޮޕަރޭޝަން ކޮށްފައިވަނީ ބެޑްފޯޑްޝަޔަރއަށް ނިސްބަތްވާ، ދެ ކުދިންގެ ބައްޕައެއް ކަމަށްވާ އުމުރުން 48 އަހަރުގެ ރީސް ހިބަޓްގެ އެވެ. މި އޮޕަރޭޝަން ނުކުރެވުނުނަމަ އޭނާގެ ލޮލުގެ ފެނުން އެއްކޮށް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ބުނެއެވެ.
ކަސްޓަމަރ ސަރވިސް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ ހިބަޓަކީ މީގެ 18 މަސް ކުރިން ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެކެވެ. ނަމަވެސް ކޮންމެ ދުވަހަކު ހިނގަން ނުކުމެ އުޅުމުގެ ތެރޭގައި ހޭނެތި، ފިޓްޖެހުމާ ގުޅިގެން ހެދި ބްރެއިން ސްކޭނުން ދެއްކީ، އޭނާގެ ސިކުނޑީގެ ޕިޓިއުޓަރީ ގްލޭންޑްގައި 11 މިލިމީޓަރުގެ ކެންސަރު ނެތް ޓިއުމަރެއް އުފެދިފައިވާ ކަމެވެ. މި ޓިއުމަރުގެ ސަބަބުން ލޮލުގެ ނާރުތަކަށް ބާރުބޮޑުވެ، އޭނާގެ ފެނުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ، އަބަދު ވަރުބަލިވެ ބޯއެނބުރުން ފަދަ ކަންކަން ދިމާވާން ފެށިއެވެ.
މި އޮޕަރޭޝަނަކީ ނޭފަތުގެ ތެރެއިން ކެމެރާއެއް ލައްވައިގެން، ނާރުތަކާއި ލޭހޮޅިތަކަށް ގެއްލުން ނުވާނޭހެން ވަރަށް ބަލައިގެން ކުރަންޖެހޭ ނާޒުކު އޮޕަރޭޝަނެކެވެ. ޔޫސީއެލް އިން އުފައްދައި، ގޫގުލް އަދި ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ހެލްތު އެންޑް ކެއަރ ރިސަރޗުން ޚަރަދުކޮށްފައިވާ މި އޭއައި ސިސްޓަމަކީ އޮޕަރޭޝަން ހިނގަމުންދާ ވަގުތު، ލައިވް ވީޑިއޯ އެނަލައިޒްކޮށް، ސިކުނޑީގެ ނާޒުކު ލޭހޮޅިތަކާއި ނާރުތައް ހުރި ދިމާތައް ވަގުތުން ފާހަގަކޮށްދިން ސިސްޓަމެކެވެ. މިއީ ސަރޖަނުންނަށް އެންމެ ރައްކާތެރިކަމާއެކު ޓިއުމަރު ނެގުމަށް ލިބުނު ބޮޑު އެހީއެކެވެ.
މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރ ހާނީ މާކަސް ވިދާޅުވީ، މިއީ ސަރޖަނުންގެ މަސައްކަތަށް އެހީތެރިވެދޭ "ދެވަނަ ލޯ" ކަމަށާއި، މި ޓޫލަކީ ޑޮކްޓަރުންނަށް ލިބޭ "ސަރޖިކަލް ޗެޓްޖީޕީޓީ" އެއް ފަދަ އެއްޗެއް ކަމަށެވެ. އަދި އޮޕަރޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ޑޮކްޓަރުންގެ އަތްމަތީގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޮޕަރޭޝަނަށް ފަހު ވާހަކަ ދައްކަމުން ރީސް ހިބަޓް ބުނީ، އޮޕަރޭޝަނަށްފަހު ލޯ ހުޅުވާލުމުން ވަރަށް ސާފުކޮށް ފެނުނު ކަމަށާއި، މިއީ އޭނާއަށް އާ ދިރުމެއް ލިބުން ފަދަ ކަމެއް ކަމަށެވެ. އަދި މިހާރު އޭނާގެ ހަށިގަނޑުގެ ވަރުބަލިކަން ފިލައި، ކުރީގެ ދުޅަހެޔޮ ދިރިއުޅުމަށް އެނބުރި އާދެވިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އިނގިރޭސިވިލާތުގެ ހެލްތު އިނޮވޭޝަން މިނިސްޓަރ ޖޭމްސް ފްރިތު ވަނީ ސިއްހީ ދާއިރާއަށް މިފަދަ ޒަމާނީ އީޖާދުތައް ތައާރަފުވުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވައި، އޭއައި ބޭނުންކުރުމުގައި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް ވިދާޅުވެފައެވެ.