Ads by Farudhun

ޚަބަރު

އިންޖިނިއަރިންގ ދާއިރާގެ ދަރިވަރުން އެދެނީ ޒަމާނީ ވަސީލަތްތަކާއި ހަރުދަނާ ޤަވާޢިދުތަކަށް

އިންޖިނިއަރިންގ ދާއިރާގެ ދަރިވަރުން އެދެނީ ޒަމާނީ ވަސީލަތްތަކާއި ހަރުދަނާ ޤަވާޢިދުތަކަށް

އިންޖިނިއަރިންގ ކިޔަވާ ކުދިންނާއި ރައީސުލްޖުމުހޫރިއްޔާ ބައްދަލު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

30 އޯގަސްޓު 2026، 01:43

30 އޯގަސްޓު 2026، 01:43

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ދާއިރާގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ޙިއްޞާކޮށްފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައެވެ.

މި ބައްދަލުވުމުގައި ދަރިވަރުން ފާހަގަކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޢަމަލީ ތަޖުރިބާ (ޕްރެކްޓިކަލް އެކްސްޕީރިއަންސް) ހޯދުމަށް އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ. ޚާއްޞަކޮށް ސިވިލް އިންޖިނިއަރިންގ އަދި އާކިޓެކްޗަރ ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޒަމާނީ ލެބޯޓްރީތަކާއި، އިކުއިޕްމެންޓް އަދި ސްޓޫޑިއޯ ފަދަ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ދަރިވަރުން ބުންޏެވެ. އޭގެ އިތުރުން 30 ކުދިންގެ ބޮޑެތި ކްލާސްތަކަށް އެންމެ ލެކްޗަރަރއަކު ހުރުމުގެ ސަބަބުން މަސައްކަތްތަކަށް ފީޑްބެކް ލިބުން ލަސްވުމާއި، އިންޓަރނެޓް ވައިފައި ފަދަ އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭކަންވެސް ދަރިވަރުން ފާހަގަކުރިއެވެ.

ދަރިވަރުން އިތުރަށް ފާހަގަކުރި ގޮތުގައި، ރާއްޖޭގައި މި ދާއިރާއިން ކިޔެވެން އޮންނަނީ ހަމައެކަނި ބެޗްލަރސް ޑިގްރީއާ ހަމައަށެވެ. އެހެންކަމުން، މާސްޓަރސް ފެންވަރަށް ރާއްޖެއިން ކިޔެވޭނެ އިންތިޒާމު ހަމަޖެހި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެން ދިއުމަކީ ދިވެހި ފަންނުވެރިން އިތުރަށް ހުނަރުވެރިކުރުވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން، ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލަމުން ދަރިވަރުން ބުނީ، ލައިސެންސް ނެތި ބޭރުގެ ފަރާތްތަކުން އިންޖިނިއަރިންގ މަސައްކަތްތައް ކުރަމުންދާތީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހަނިވެ، އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް ޢިމާރާތްކުރުމާއި އިންޖިނިއަރިންގ މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ހަރުދަނާ ޤަވާޢިދުތަކާއި ސްޓޭންޑަރޑްތައް އެކުލަވާލައި، އެކަންކަން ތަންފީޒުކުރުން މުހިންމުކަން ދަރިވަރުން ހާމަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވައިގެން ހުންނެވި ބޭފުޅަކަށް ވާތީ، ދަރިވަރުން އެދުނީ އެމަނިކުފާނުގެ ދައުރުގައި ހުރިހާ ވަސީލަތްތަކާއެކު އިންޖިނިއަރިންގ އެންޑް ސައިންސްގެ ހުރިހާ ކޯސްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގޭނެ ޒަމާނީ ފެކަލްޓީއެއް ބިނާކޮށްދެއްވުމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުން ފާހަގަކުރި ކަންކަމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށާއި، ޤަވާޢިދުތައް ހަރުދަނާކޮށް، ޤަވާޢިދާ ޚިލާފަށް ކުރާ މަސައްކަތްތައް ހުއްޓުވުމުގެ އިތުރުން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450