ކުޅިވަރު
ބޮޑު ތަފާތަކުން ހިންމަފުށި ބަލިކޮށް ގާފަރުން އަތޮޅު ޝީލްޑް އުފުލާލައިފި
ގާފަރުން އަތޮޅު ޝީލްޑް އުފުލާލުން / ފޮޓޯ: ޕީއާރު ނެޓްވޯކް
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ކާފު އަތޮޅު ބުރުގެ ފައިނަލް މެޗުގައި 5-2 ގެ ބޮޑު ތަފާތަކުން ހިންމަފުށި ބަލިކޮށް ގާފަރުން ޗެމްޕިއަންކަން ހޯދައިފިއެވެ.
މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެފައިވީ ނަމަވެސް، އެ މެޗުން ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފައި ގާފަރުން ފައިނަލަށް ނުކުތީ މުޅިން ތަފާތު ރޭވުންތެރިކަމަކާ އެކުގައެވެ. މުޅި މުބާރާތުގައި ވެސް ބަލިނުވެ ދެއްކި މޮޅު ކުޅުމާއެކު ގާފަރުން ވަނީ ފައިނަލްގައި ހިންމަފުށީގެ މައްޗަށް ފުރިހަމަ ކޮންޓްރޯލެއް ހޯދާފައެވެ.
ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ގާފަރުންނެވެ. މެޗުގެ 8 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ، ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ އިބްރާހީމް ރިމާހުއެވެ. ނަމަވެސް، މި ލަނޑު ޖެހިތާ މިނެޓެއްވެސް ނުވަނީސް ހިންމަފުށީގެ ހުސައިން ނާފިޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
އެއަށްފަހު ގާފަރުން އަނެއްކާވެސް މެޗުގެ ކޮންޓްރޯލް ނަގައި، 14 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މި ލަނޑު ޝަނާން ރަޝާދު ކާމިޔާބުކުރީ ޑިފެންޑަރު ކައިރިން ޖާގަ ހޯދައި ވައަތު ފައިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އައްޒާމް ނިޔާޒް ވަނީ ކަނާތްފަރާތުން ހުރަސްކޮށްލި ބޯޅައެއް ވަރަށް ހަނި އޭންގަލަކުން ގޯލުގެ ތެރެއަށް ވައްދާލައި، ގާފަރުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ގާފަރުން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ. އެގޮތުން ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ޑިފެންޑަރުންނަށް އޮޅުވާލުމަށްފަހު ރިމާހު އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، ރިމާހު ތަނަވަސްކޮށްދިން ފުރުސަތަކުން ޝަނާން ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލާފައެވެ. މެޗުގެ ފަހުކޮޅު ހިންމަފުށިން އިތުރު ލަނޑެއް ޖެހި ނަމަވެސް، މެޗު ނިމުނީ 5-2 އިން ގާފަރު ކުރީގައި އޮވެގެންނެވެ.
މި މުބާރާތުގެ ކާފު އަތޮޅު ބުރުގެ ވަކިވަކި ކުޅުންތެރިންނަށް ދޭ އެވޯޑުތަކަށް ބަލާއިރު، އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިބްރާހީމް ރިމާހު (ގާފަރު)އެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔކަށް ޝަނާން ރަޝާދު (ގާފަރު) ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަހުމަދު ނިޝާން (ގާފަރު)އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ގާފަރު ޓީމުގެ ޝަނާން ރަޝާދު، އަޒްޒާމް ނިޔާޒް އަދި ފައްޔާޒް ފަޔާޒްގެ އިތުރުން، ހިންމަފުށީ ޓީމުގެ ހުސައިން ނާފިޒް އަދި ނިހާލް މުހައްމަދެވެ.