ޚަބަރު
އިންޖިނިއަރިން ދާއިރާއަށް މީހުން ޝައުގުވެރި ކުރުވުމަށް ފިޔަވަޅުތަކެއް އަޅާނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ތިލަމާލެ ބުރިޖު ބައްލަވާލެއްވުން / ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާއަށް މީހުން ޝައުގުވެރި ކުރުވުމަށާއި އެ ދާއިރާ ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޤައުމީ އިންޖިނޭރުންގެ ދުވަހަށް ޚާއްސަކޮށްގެން ރައީސް އޮފީހުން ކުރިއަށްގެންދިޔަ ސިލްސިލާ ޕޮޑްކާސްޓް، "ދަ ޕަލްސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ޒުވާނުން ފަސްޖެހޭ މައިގަނޑު އެއް ސަބަބަކީ ކިޔަވައި ނިމިގެން އެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ލިބުމުގައި ހުރި ދަތިތައް ކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ދިވެހިން މަދު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ސްޓޫޑެންޓް ލޯނު ދޫކުރުމުގައި އިސްކަން ދިނުމާއި، އެފަދަ ފަންނީ ދާއިރާތަކުގެ ވަޒީފާތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކެއްގެ ގޮތުގައި ކަނޑައެޅުން ފަދަ މުހިންމު ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމްގައި އިނގިރޭސިވިލާތުގައި އިންޖިނިއަރިންގ ދާއިރާއިން ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނާ މުޚާޠަބުކުރައްވައި ރައީސް ވިދާޅުވީ، ޤައުމުގެ ހުރިހާ ދާއިރާއެއްގައި ވެސް ދިވެހިން ތިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ތަފާތު އެކި ދާއިރާތަކުން ދިމާވާ މައްސަލަތަކަށް ސައިންސާއި ހިސާބަށް ބިނާކޮށް ހައްލު ހޯދަންޖެހޭ ކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުމުގައި އިންޖިނޭރުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޖިނިއަރިންގ ދާއިރާ އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ނިންމަވާފައެވެ. އޭގެތެރޭގައި ރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމުކުރުން ހިމެނެއެވެ. މި ލެބޯޓްރީ ވެގެންދާނީ އިންޖިނިއަރިންގގެ ދާއިރާތަކުން އެކި ކަހަލަ ފަންނީ ތަޙްލީލުތައް ކުރުމަށް ބޭނުންވާ ރާއްޖޭގެ ހުރިހާ ދަރިވަރުންގެ އިތުރުން، ރާއްޖެއިން ބޭރުންވެސް އެފަދަ ދިރާސާތަކާއި ތަޙްލީލުތައް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ލިބޭ ފެންވަރުގެ މަތީ ފެންވަރުގެ ލެބޯޓްރީއަކަށެވެ.