ޚަބަރު
މީރާއަށް ބާރުތަކެއް ލިބޭގޮތަށް ޓެކްސް ނެގުމާއި ބެހޭ 3 ބިލެއް ރައީސް ތަސްދީގުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުައިއްޒު - ފޮޓޯ: ރައީސް އޮފީސް
ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިދޭ ގޮތަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި 4 ވަނަ އިސްލާހުތައް ހިމެނޭހެން ޓެކްސް ނެގުމާއި ބެހޭ 3 ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މިއަދު ތަސްދީގު ކުރެއްވި ތިން އިސްލާހަކީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް ގެނައި 4 ވަނަ އިސްލާހާއި، މުދަލާއި ޓެކްސް ނެގުގެ ގާނޫނަށް 8 ވަނަ އިސްލާހު އަދި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 2 ވަނަ އިސްލާހުގެ ބިލެވެ.
ރާއްޖޭގައި ޓެކްސް ނިޒާމު ތައާރަފުކުރިތާ 16 އަހަރު ވެފައިވާއިރު، މި ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ހިންގުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމިޓީ މަރުހަލާގައި މި ބިލަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ބިލުގެ 69 ވަނަ މާއްދާއިން، ގާނޫނުގެ 64 ވަނަ މާއްދާގެ (ރ) އުނިކުރުމަށް ހުށަހަޅުއްވާފައެވެ. އެއީ ކޮމިޓީން ގެނައި ބަދަލުތަކާއެކު އެ އަކުރު މިހާރުވެސް ގާނޫނުގައި އޮތް ގޮތަށް އިސްލާހުވެފައިވާތީއެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވި މި ހުށަހެޅުން ކޮމިޓީން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގެ 69 ވަނަ މާއްދާގައިވާ ގޮތުން، ގާނޫނުގެ ދަށުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފިނަމަ އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނީ ކުށްކުރި ތާރީހުން ފެށިގެން އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އުނިކުރެވުނު (ރ) ގައި ބަޔާންކޮށްފައި އޮތީ، ކުށްކުރި މީހަކު އެ އަމަލު ނިމުމަކަށް ގެނައީ ފެށި ދުވަހަށްވުރެ ފަހުން ކަމަށްވާނަމަ، މުއްދަތު ގުނަން ފަށާނީ އެކަމެއް ނިމުނު ދުވަހުން ފެށިގެން ކަމަށެވެ.
މިއަދު ތަސްދީގުކުރެވުނު މި ގާނޫނުގެ ދަށުން ޓެކްސް ބަޔާން ހުށަނާޅާ ހާލަތްތަކުގައި ޓެކްސް ދައްކަންޖެހޭ މިންވަރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ކަނޑައެޅޭނެއެވެ. އަދި އެ އަދަދު ބިނާކުރުމަށް ބޭނުންވާ މައުލޫމާތު ކޮންމެ ފަރާތެއްގެ އަތުންވެސް ހޯދުމުގެ ގާނޫނީ ބާރު މީރާއަށް ލިބިގެންދެއެވެ. މީގެއިތުރުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައަޅާނެ މިންގަނޑުތަކާއި، ފޮނުވަންޖެހޭ އެންގުންތަކާއި، އޮޑިޓް ކުރުމުގައި ބަލާނެ އުސޫލުތައް ވެސް ގާނޫނުގައި ވަނީ ތަފްސީލުކޮށްފައެވެ.
މި އިސްލާހުތަކާއެކު މީރާއަށް ލިބިދީފައިވާ އިތުރު ބާރުތަކާއި ހަމަޖެހުނު މުހިންމު އުސޫލުތަކުގެ ތެރޭގައި:
- އޮޑިޓާއި ތަހުގީގު: އޮޑިޓް އަދި ތަހުގީގު ކުރުމުގެ ބޭނުމަށް މީރާގެ ބެލުމުގެ ދަށަށް ތަކެއްޗާއި ލިޔެކިޔުންތައް ގެންދިއުމުގެ ބާރު.
- ބަންދު ދުވަސްތައް: މީރާއަށް ލިޔެކިޔުން ހުށަހެޅުމުގެ އެންމެ ފަހު ތާރީހު ސަރުކާރު ބަންދު ދުވަހަކާ ދިމާވެއްޖެނަމަ އަމަލުކުރާނެ އުސޫލު ކަނޑައެޅުން.
- ސިއްރު ހިފެހެއްޓުން: އާންމުކުރުމަށް ގާނޫނު ހުއްދަކުރާ މައުލޫމާތު ފިޔަވައި، މީރާއިން ލިބޭ ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން ދެމެހެއްޓުން ލާޒިމުކޮށް، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ރައްކާތެރިކަން ދިނުން.
- އަދަބާއި ޖޫރިމަނާ: ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ، އިދާރީ އަދަބެއްގެ ގޮތުން 250،000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތް ހަމަޖެއްސުން.
- އިންސްޓޯލްމެންޓް އުސޫލު: މީގެ ކުރިން ގަވާއިދެއްގެ ދަށުން ކުރަމުން އައި، އިންސްޓޯލްމެންޓް އުސޫލުން ޓެކްސް ފައިސާ ދެއްކުމުގެ އިޖުރާއަތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނުން.
- ކޯޓު މެދުވެރިކޮށް ފައިސާ ހޯދުން: ޓެކްސް ފިޔަވައި އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާއާއި ކޯޓުތަކުން ކަނޑައަޅާ ޖޫރިމަނާ ފައިސާ، ބަންޑާރަ ނައިބު އަންގަވާ ގޮތެއްގެ މަތީން ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ ބާރު މީރާއަށް ދިނުން.
މި އިސްލާހުތަކަކީ ޓެކްސް ތަންފީޒުކުރުމުގައި މީރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ދައުލަތުގެ ޓެކްސް ނިޒާމު ހަރުދަނާކުރުމަށާއި އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހުސްކުރެއްވި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.