ޚަބަރު
ސަރުކާރުން ޤާނޫނުތަކަށް އިސްލާހު ގެންނަނީ ފަންނީ ދިރާސާތައް ކުރުމަށްފަހު: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ބިލުތައް އެކުލަވާލައްވައި، ފާސްކުރައްވައި، ތަޞްދީޤުކުރައްވަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 7 ބިލެއް ތަޞްދީޤުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބިލުތައް ތަޞްދީޤުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، ތަޞްދީޤުކުރެވުނު ކޮންމެ ބިލަކީ ވެސް، ދިވެހި ރައްޔިތުންނަށް ފައިދާ ކުރާނޭ ފަދަ ބިލުތަކެއް ކަމަށެވެ.
ތަޞްދީޤުކުރެވުނު ބިލުތަކުގެ ތެރޭގައި ހިމެނޭ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި 1 ވަނަ އިޞްލާޙާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މި ބިލުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހެޔޮވުން ފަދަ ލުއިފަސޭހަތައް ލިބިގެންދާނޭ ކަމަށެވެ. އަދި ދިރާސާތަކާއި ހިސާބުތަކުން ފެންނަ ގޮތުގައި، މި ޤާނޫނުގެ ސަބަބުން ރިޒޯޓުތަކުގެ އޮޕަރޭޝަނަށް ނުވަތަ ޑޮލަރުން މުސާރަ ދޭންޖެހޭ މުވައްޒަފުންނަށް މުސާރަ ދިނުމަށް ވެސް ހުރަހެއް ނޭޅޭނޭ ކަމަށް ފާހަގަކުރެއްވިއެވެ. މި އިސްލާހުތައް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއްބާރުލުން ވެސް ލިބޭނޭ ކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 8 ވަނަ އިޞްލާޙާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެއީ ފަތުރުވެރިކަމުގެ ސިނާޢަތަށް ޑެސްޓިނޭޝަން ޕްރިންސިޕަލް ތަޢާރަފުކުރުމާ ގުޅިގެން ގެނެވުނު ބަދަލުތަކެއް ކަމަށެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 2 ވަނަ އިޞްލާޙާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، ބޭރުގެ ކުންފުނިތަކުން ނަގާ ވިތުހޯލްޑިންގ ޓެކްސްއަށް ގެނެވުނު ބަދަލާ ގުޅިގެން، ދިވެހި ކުންފުނިތަކަށް ބޭރު ކުންފުނިތަކާ އެއްހަމައެއްގައި ކޮންޓްރެކްޓްތަކަށް ވާދަކުރުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށެވެ. ހަމައެއާ ގުޅިގެން، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ގެނައި 4 ވަނަ އިޞްލާޙާއެކު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ގެއްލިފައިވާ ތަންފީޒީ ބާރު އަލުން އެ އޮތޯރިޓީއަށް ލިބިގެންދާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމަކީ، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމާއެކު، ދިވެހި މަސްކަނޑުތައް އިތުރަށް ޙިމާޔަތްކޮށްދީ، އެކުއަކަލްޗަރ ފުޅާކޮށް، ސްޕޯޓްސް ފިޝިންގ ހާބަރުތަކާއި ސިނާޢަތަށް ބޭނުންވާ ބިނާރު ޤާއިމުކުރުމަށް މަގުފަހިވެގެންދާނޭ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އެއްގަމު ދަތުރުފަތުރުގެ ބިލު ޤާނޫނަކަށް ވުމުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބި، ޚާއްޞަކޮށް މާލޭގެ ޓްރެފިކް މައްސަލަ ޙައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނޭ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ މައިގަނޑު މަޤުޞަދަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ތަރައްޤީވެފައިވާ ނިޒާމެއްގައި އޮންނަންޖެހޭ ފަދަ ޤާނޫނީ އޮނިގަނޑެއް ބިނާކުރުމާއި، ކުރިން ޤާނޫނުތަކުގައި ހުރި ކަންކަން ޒަމާނާއި ޙާލަތާ އެއްގޮތަށް ބަދަލުކުރުން ކަމަށެވެ.