ކުޅިވަރު

މަގޫދޫއިން ގިނަ ގޯލުތަކެއް ޖެހި ނަމަވެސް ފައިނަލުން ޖާގަ ހޯދީ ދަރަނބޫދޫ

މަގޫދޫއިން ގިނަ ގޯލުތަކެއް ޖެހި ނަމަވެސް ފައިނަލުން ޖާގަ ހޯދީ ދަރަނބޫދޫ

މަގޫދޫއާ ފީއަލި ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: މާޒިން ހާމިދު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 އޯގަސްޓު 2026، 05:02

31 އޯގަސްޓު 2026، 05:02

އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕް 2026 ގެ ފާފު އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހު، މަގޫދޫ ޒުވާނުންގެ ކްލަބުން ބޮޑު މޮޅެއް ހޯދި ނަމަވެސް ފައިނަލުގެ ފަހު ޖާގަ ދަރަނބޫދޫން ކަށަވަރުކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު ދުވަހުގެ ފުރަތަމަ މެޗުގައި މަގޫދޫ ޒުވާނުންގެ ކްލަބުން ވަނީ ފީއަލީ ފަރުކަން ސްޕޯޓްސް ކްލަބްގެ މައްޗަށް 0-7 ގެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މި މެޗަށް މަގޫދޫ ނުކުތްއިރުވެސް ފައިނަލުން ޖާގައެއް ލިބެން އޮތީ އެ ޓީމު މޮޅުވެ، އަދި ގްރޫޕްގެ ފަހު މެޗުގައި މުބާރާތް ބާއްވާ ރަށް ކަމަށްވާ ނިލަންދޫ އަތުން ދަރަނބޫދޫ ބަލިވެގެންނެވެ.

ފީއަލީއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައި މަގޫދޫން ވަނީ ފުރަތަމަ ހާފު ނިންމާލިއިރު 0-3 ގެ ލީޑެއް ނަގާފައެވެ. މި ހާފުގައި ހުސާމް ނަބީލް ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ކާމިޔާބުކޮށްދިނީ މޫސާ އަސްއަދު އަންވަރެވެ. ދެވަނަ ހާފުގައިވެސް މަގޫދޫގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. އެގޮތުން އަސްއަދު އޭނާގެ ދެވަނަ ގޯލު ޖެހިއިރު، މޫސާ މާހިލް މިގްދާދު ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އަދި އިބްރާހީމް ރައިޝަމް ފަޔާޒް ވެސް ގޯލެއް ކާމިޔާބުކުރިއެވެ. މި ނަތީޖާއާއެކު މަގޫދޫއަށް 5 ޕޮއިންޓް ލިބި، އެ ޓީމަށް ޖެހުނީ ގްރޫޕްގެ ފަހު މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރާށެވެ.

އެހެންނަމަވެސް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނިލަންދޫއާއި ދަރަނބޫދޫ ބައްދަލުކުރި ފޯރިގަދަ މެޗު 3-3 އިން އެއްވަރުވުމުން، ފައިނަލުގެ ޖާގަ ލިބުނީ ދަރަނބޫދޫ އަށެވެ.

މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ނިލަންދޫގެ ކެޕްޓަން އިސްމާއީލް އަތީދަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އުނދަގޫ އޭންގަލަކުން ގޯލު ޖަހައި ދަރަނބޫދޫއަށް ލީޑު ނަގައިދިނީ ރިޝްވާން އަހުމަދެވެ. ނިލަންދޫން މެޗުގެ 8 ވަނަ މިނެޓުގައި މޫސާ ޖަމާލްގެ ގޯލުން އެއްވަރުކުރި ނަމަވެސް، ނިލަންދޫ ޑިފެންސަށް ހެދުނު އިތުރު ގޯހަކުން އަލީ ނަސީރު ވަނީ އަނެއްކާވެސް ދަރަނބޫދޫއަށް ލީޑު ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިލަންދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ ދަރަނބޫދޫގެ މުހައްމަދު ނަސީރު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ދެވަނަ ހާފުގައި، މެޗުގެ 32 ވަނަ މިނެޓުގައި ދަރަނބޫދޫ ޑިފެންޑަރަކަށް ސާފުކޮށްނުލެވުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މުހައްމަދު ޝިމްރާން އަލީ ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ނިލަންދޫއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ނިލަންދޫގެ ދެ ޑިފެންޑަރުން ކައިރިން ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެން ސާއިން އަލީ ވަނީ ދަރަނބޫދޫއަށް މުހިންމު ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ގްރޫޕް ސްޓޭޖް ނިމުނުއިރު އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދި ނިލަންދޫއެވެ. ދެވަނައިގައި އޮތް ދަރަނބޫދޫއަށް 6 ޕޮއިންޓް ލިބުނުއިރު، މަގޫދޫ ތިންވަނައިގައި ނިންމާލީ 5 ޕޮއިންޓާއެކުގައެވެ.

މި ނަތީޖާއާއެކު، 2026 ސެޕްޓެމްބަރު 1 ވާ އަންގާރަ ދުވަހު ކުޅޭ ފާފު އަތޮޅުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ނިލަންދޫ އަދި ދަރަނބޫދޫއެވެ. މަގޫދޫން ފަހު މެޗުގައި 0-7 ގެ ބޮޑު މޮޅެއް ހޯދި ނަމަވެސް، ދަރަނބޫދޫން ހޯދި އެއްވަރުގެ ނަތީޖާއާއެކު މަގޫދޫއަށް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450