ދުނިޔެ

ގޭގައި ހިނި ގެންގުޅޭ މީހުން ގިނަވެ، ވަގަށް ހިނި އެތެރެކުރާ މައްސަލަ ބޮޑުވެއްޖެ!

ގޭގައި ހިނި ގެންގުޅޭ މީހުން ގިނަވެ، ވަގަށް ހިނި އެތެރެކުރާ މައްސަލަ ބޮޑުވެއްޖެ!

ވަގަށް ހިނި އެތެރެކުރަނިކޮށް ހިފަހައްޓާފައިވާ ހިނިތަކެއް ފޮޓޯ: ކެންޔާ ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 އޯގަސްޓު 2026، 06:45

31 އޯގަސްޓު 2026، 06:45

ކެންޔާގައި ދިރޭ ޖަނަވާރުންގެ ވިޔަފާރި ޣައިރުޤާނޫނީ ގޮތުގައި ކުރާ ފަރާތްތަކުން، މުޅިން އާ ބާވަތެއްގެ ވިޔަފާރިއެއް ފަށައި، ދިރޭ ހިނި ވަގަށް ބޭރުކުރަން ފަށައިފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު ވައްތަރުގެ ދިރުންތައް ގެންގުޅޭ މީހުންގެ މެދުގައި އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން މިކަން މިހާރު ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ.

މި ޣައިރުޤާނޫނީ ވިޔަފާރީގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ އިރުމަތީ އެފްރިކާގެ ސަރަޙައްދުތަކުގައި އުޅޭ ރަތާއި ކަޅު ކުލައިގެ ބޮޑު ހިންޏެއް ކަމަށްވާ "ޖަޔަންޓް އެފްރިކަން ހާވެސްޓާ އެންޓް" އެވެ. މި ބާވަތުގެ ހިނީގެ ސައިޒު ބޮޑުކަމާއި، އޭގެ ހުންނަ ޚާއްޞަ ސިފަތަކުގެ އިތުރުން، އެ އެއްޗެހި އުޅޭ ގޮތުގެ ކޮމްޕްލެކްސް ނިޒާމުގެ ސަބަބުން މިފަދަ ތަކެތި އެއްކުރާ މީހުންގެ މެދުގައި ވަނީ ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ.

މި ވިޔަފާރީގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ 2025 ވަނަ އަހަރު، ކެންޔާގެ ނައިވާޝާގެ ގެސްޓްހައުސްއަކުން ގާތްގަނޑަކަށް 5،000 ދިރޭ ހިނި ފެނިގެން ބެލްޖިއަމްގެ ދެ މީހަކު ހައްޔަރުކުރި ހިސާބުންނެވެ. މި ހިނިތައް ބަންދުކޮށްފައި ހުރީ 2،200 އަށް ވުރެ ގިނަ ޓެސްޓް ޓިއުބާއި ސިރިންޖުގައެވެ. މީގެ އިތުރުން ވިއެޓްނާމް މީހަކާއި ކެންޔާ މީހަކު ވެސް ސަތޭކަޔަށް ވުރެ ގިނަ ހިންޏާއެކު ވަނީ ހައްޔަރުކޮށްފައެވެ.

ކެންޔާ ވައިލްޑްލައިފް ސާވިސް (ކޭޑަބްލިއުއެސް) އިން ބުނާ ގޮތުގައި މިއީ ޤައުމުގެ ޣައިރުޤާނޫނީ ޖަނަވާރުގެ ވިޔަފާރިއަށް އައި ބޮޑު ބަދަލެކެވެ. ކުރިން ބޮޑެތި ޖަނަވާރުތަކަށް އަމާޒުކުރި ނަމަވެސް، މިހާރު ތިމާވެއްޓަށް މުހިންމު ކުދި ދިރުންތަކަށް އަމާޒު ހިފާފައިވާ ކަމަށާއި، މިއީ ހުއްދައަކާ ނުލައި ޤައުމުގެ ދިރޭ ވަސީލަތްތައް ބޭރުކުރާ "ބަޔޯޕައިރަސީ" ނުވަތަ ޤުދުރަތީ ވަސީލަތްތައް ވަގަށް ނެގުމުގެ އަމަލެއްގެ ގޮތުގައި އެ އިދާރާއިން ސިފަކުރެއެވެ.

ކުދި ދިރުންތަކަށް ބޮޑު އަގެއް

މި ހިނިތަކަށް ބޮޑު ޑިމާންޑެއް އުފެދިފައިވަނީ ގޭގޭގައި ހަދާފައި ހުންނަ ޚާއްޞަ ބިއްލޫރި ގޮޅިތަކުގައި (ފޯމިކޭރިއަމްސް) ހިނި ގެންގުޅުމުގެ ޝައުޤުވެރިކަން ދުނިޔޭގައި އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. މިގޮތަށް ގެންގުޅޭ މީހުންނަށް ހިނި ހާލި ހަދާ ގޮތާއި، ކާނާ ހޯދާ ގޮތް އަދި އޭގެ އިޖުތިމާޢީ ނިޒާމު ދިރާސާކޮށް ބަލައިލުމުގެ ފުރުޞަތު ލިބެއެވެ.

މި ބާވަތުގެ ހިނީގެ ރާނީ ހިންޏަކީ ގިނަ އަހަރުތަކެއް ވަންދެން ދިރިހުރެ، އާ އާއިލާއެއް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗަކަށް ވާތީ މީގެ އަގު ވަރަށް ބޮޑެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި ރާނީ ހިންޏެއްގެ އަގު 100 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރާއިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިއަށް ވުރެ ވެސް މާ ބޮޑު އަގުތަކުގައި މި ތަކެތި ވިކެއެވެ. މި ބޮޑު ފައިދާގެ ސަބަބުން ކެންޔާއިން ވަގަށް ހިނި ނަގައިގެން ބޭރުކުރުމުގެ ޝައުޤުވެރިކަން ވަގު ވިޔަފާރިވެރިންނަށް ވަނީ ބޮޑުވެފައެވެ.

ޓިއުބާއި ސިރިންޖުގައި ވަގަށް ބޭރުކުރުން

ހިނީގެ ސައިޒު ކުޑަކަމުން، ގިނަ ޢަދަދެއްގެ ހިނި ފަސޭހައިން ފޮރުވައިގެން ގެންދެވެއެވެ. މިގޮތުން 2026 ވަނަ އަހަރުގެ މާޗް މަހު ނައިރޯބީގެ ޖޯމޯ ކެންޔާޓާ އިންޓަނޭޝަނަލް އެއާޕޯޓުން ޗައިނާގެ ރައްޔިތެއް ކަމަށްވާ ޒޭންގް ކެކުން ވަނީ 1,948 ހިނި ޚާއްޞަ ޓިއުބުތަކުގައްޔާއި، 300 ދިރޭ ހިނި ޓިޝޫ ރޯލުތަކެއްގެ ތެރޭގައި ފޮރުވައިގެން ގެންދަނިކޮށް ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ކުށަށް އިޢުތިރާފުވުމުން، 2026 ގެ އޭޕްރީލް މަހު ކެންޔާގެ ކޯޓަކުން އޭނާ އެއް އަހަރަށް ޖަލަށްލުމާއެކު އެއް މިލިއަން ކެންޔާ ޝިލިންގުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އޭނާއަށް މި ތަކެތި ފޯރުކޮށްދިން ކަމަށް ތުހުމަތުކުރެވޭ ކެންޔާގެ ރައްޔިތެއް ކަމަށްވާ ޗާލްސް މުވަންގީ ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ.

ރާނީ ހިނި ނެތިދިއުމުގެ ނުރައްކާ

މިކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ. ހާވެސްޓާ އެންޓްގެ އާބާދީ ދެމިއޮންނަނީ ރާނީ ހިނީގެ މައްޗަށެވެ. ރާނީ ހިނި ނެގުމުން މުޅި ހާލީގެ އާބާދީ އުފެދުން ހުއްޓި، އެ ހާލި އެއްކޮށް ނެތިގެން ދެއެވެ.

މީގެ އިތުރުން، މި ހިނިތަކަކީ އޮށް އެއްކޮށް، ގަސްގަހާގެހި ފެތުރުމަށާއި، ވަށައިގެންވާ ވެއްޓާއި ޖަނަވާރުންގެ ކާނާގެ ނިޒާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންކަމުން ގިނަ ޢަދަދަކަށް މި ދިރުންތައް ނެތިދިއުމަކީ މުޅި އިކޯސިސްޓަމަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

އެތުގެ ދަތާއި، ރައިނޯގެ ދަޅު ފަދަ ތަކެތި ވަގަށް ބޭރުކުރުން ހުއްޓުވުމަށް މަޝްހޫރު ކެންޔާއަށް، މިހާރު މިވަނީ ފޮށްޓަކަށް އަޅައިގެން ފަސޭހައިން ގެންދެވޭ ކުދި ހިނި ފަދަ ދިރުންތައް ހިމާޔަތްކުރުމުގެ އައު އަދި ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. ކުޑަ ކަމެއްގެ ގޮތުގައި ފެށުނު ކަމެއް މިހާރު މިވަނީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެ، ޤައުމުގެ ޤުދުރަތީ ރައުސްމާލަށް ނުރައްކާވާ ހިސާބަށް ގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450