ކުޅިވަރު

ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޒުވާން ޓީމުން ބުރުނާއީ ބަލިކޮށްފި

ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޒުވާން ޓީމުން ބުރުނާއީ ބަލިކޮށްފި

ބްރުނާއީ މެޗަށްފަހު ރާއްޖޭގެ ޓީމުން އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 އޯގަސްޓު 2026، 08:23

31 އޯގަސްޓު 2026، 08:23

އޭޝިއަން ކަޕް ޗައިނާ 2027 ކޮލިފިކޭޝަންގައި ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކައި، ބުރުނާއީގެ މައްޗަށް ކާމިޔާބީ ހޯދައިފިއެވެ.

މެޗު ފަށައިގެން ރާއްޖޭގެ ޓީމުން މޮޅަށް ކުޅެމުންދިޔައިރު، މެޗުގެ 18 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި، ބުރުނާއީގެ ކީޕަރު ސަފްވާން އަފްލީ ޝަހްރީނަށް އެއްވެސް ފުރުސަތެއް ނުދީ، ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން އީތަން އިބްރާހީމް ޒަކީ ކާމިޔާބުކޮށްދިން ރީތި ލަނޑެކެވެ.

ރާއްޖޭގެ ޓީމުން މެޗުގެ ކޮންޓްރޯލް ދަމަހައްޓަމުން ދަނިކޮށް، ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 31 ވަނަ މިނެޓުގައެވެ. ވާތްފަރާތު އަރިމަތިން ނައްސާހު އިބްރާހީމް ނާސިރު ބޯޅައާއެކު ކުރިއަށް އަރައި، އޭރިއާ ތެރެއަށް ނަގައިދިން ހުރަސް، ގޯލުގެ ތެރެއަށް ވައްދާލީ މުޙައްމަދު އިލާން އިމްރާނެވެ. އެއާއެކު ރާއްޖެއިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއް ނަގައި ހަމަޖެހިލަމުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނަތީޖާ ބަދަލުކުރުމަށް ބުރުނާއީ ދާރުއްސަލާމްގެ ޓީމުން މަސައްކަތް ކުރި ނަމަވެސް، ރާއްޖޭގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. 

ރާއްޖޭގެ ދެވަނަ މެޗުގައި ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ވާދަކުރާނީ ސްރީލަންކާއާއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ މިޔަންމާއާ ދެކޮޅަށެވެ. މި ގްރޫޕުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޔަންގޯންގައެވެ.

މި ފަހަރުގެ ކޮލިފިކޭޝަން މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސް ނުވަތަ "ޑިވެލޮޕްމަންޓް ފޭސް" ޚާއްޞަކޮށްފައިވަނީ ފީފާ ރޭންކިންގެ ދަށުގައިވާ ޤައުމުތަކުގެ މެދުގައެވެ. އަދި ދެވަނަ ފޭސް ކުޅޭނީ ރޭންކިންގެ ގޮތުން މަތީގައިވާ ޤައުމުތަކުގެ މެދުގައެވެ.

ޑިވެލޮޕްމެންޓް ފޭސްގައި ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ދެން އަންނަ އަހަރުގެ ކޮލިފިކޭޝަން ފޭސްއިން ޖާހަ ލިބޭނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450