ޚަބަރު
ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާއްމު ހޭލުންތެރިކަން އިތުރުކުރަންޖެހޭ: ރައީސް
ހުޅުމާލޭގެ ހިޔާ ޓަވަރުތައް---
މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމަޢު ގުޅިގެން ކުރަންޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފަހަކަށް އައިސް ހިނގި ނުރައްކާތެރި ހާދިސާތަކަކާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރުން މުޅި ޤައުމަށް ވެސް ނުތަނަވަސްކަމާއި ފުން ހިތާމައެއް ގެނުވާފައިވާ ކަމަށެވެ. އެގޮތުން، ވަކިވެދިޔަ މައުޞޫމް ދެ ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، އެ ދެ މަރްޙޫމުން ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ފާގަތިކަމުގައި ލެހެއްޓެވުން އެދިވަޑައިގެން ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
އުސް އިމާރާތްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އުސް އިމާރާތްތަކުގެ ކުޑަދޮރާއި، ބެލްކަނީ އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ ފަރާތްތައް ދިރިއުޅޭ ގޭގޭގެ އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
— Dr Mohamed Muizzu (@MMuizzu) September 1, 2026
މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރުން، މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާވެރި އިޙްސާަސްތަކެއް ކޮށްފި. މި މަޢުޞޫމް 2…
މީގެއިތުރުން، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އަދި އެންމެހައި ފަރުދުން ގުޅިގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތްތެރިކަން ޔަޤީންކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.