ޚަބަރު
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ)ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ޤާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި އޭގެ ތެރޭގައި ޙަލާލް ފަތުރުވެރިކަން ފުޅާކުރުން ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ވަނީ މި ބައްދަލުވުމުގައި އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް، ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައެވެ.
އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބެލުމުގެ ދަށުން މަސައްކަތްކުރާ، އިސްލާމީ 57 ޤައުމެއްގެ ޕްރައިވެޓް ސެކްޓަރާއި ވިޔަފާރިވެރިންގެ ޙައްޤުތައް ބަލަހައްޓައިދޭ ބައިނަލްއަޤްވާމީ މުއައްސަސާއެކެވެ. މީގެ ކުރިން މި ޖަމާޢަތް މަޢުރޫފުވެފައިވަނީ އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް، އިންޑަސްޓްރީ އެންޑް އެގްރިކަލްޗަރ (އައިސީސީއައިއޭ) ގެ ނަމުގައެވެ.
1977 ވަނަ އަހަރު ވުޖޫދުވި މި ޖަމްޢިއްޔާގެ އަސާސީ ބޭނުމަކީ އިސްލާމީ އުއްމަތުގެ ޤައުމުތަކުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި ޞިނާޢަތުގެ ރޮނގުން އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމެވެ. މީގެ އިތުރުން، އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފުޅާކުރުމާއި، ޙަލާލް އިޤްތިޞާދީ ދާއިރާ ތަރައްޤީކުރުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުން ހިމެނެއެވެ. މި ޖަމްޢިއްޔާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ތަމްސީލުކުރަނީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި) އެވެ.