ދުނިޔެ
މިޞްރުގައި ބަހެއް ފުރޮޅާލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 މީހުން މަރުވެއްޖެ
ހާދިސާ ހިނގި ސަރަހައްދު. ފޮޓޯ: ގަލްފް
މިޞްރުގެ ސައުތު ސައިނާ ސަރަޙައްދުގައި ބަހެއް ފުރޮޅާލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 މީހުން މަރުވެ، އިތުރު 28 މީހަކު ޒަޚަމްވެއްޖެ ކަމަށް އެ ޤައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަނުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ސައިނާއީ ޕެނިންސިއުލާގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ، ފަތުރުވެރިންގެ މަޤްބޫލު މަންޒިލްތައް ކަމަށްވާ ދަހަބް އަދި ނުވައިބާ ގުޅޭ މަގުމަތީގައެވެ. މި ބަހުގައި ޖުމްލަ 43 މީހުން ދަތުރުކުރި ކަމަށާއި، މަރުވި މީހުންގެ ތެރޭގައި އުރުދުންގެ 10 މީހުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޙުސާމް ޢަބްދުލް ޣައްފާރު ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ސަރަޙައްދަށް ވަގުތުން 20 އެމްބިއުލާންސް ފޮނުވައި، އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ހެލްތު މިނިސްޓަރު ޚާލިދު ޢަބްދުލް ޣައްފާރު ވަނީ ސިއްޙީ މަރުކަޒުތައް ތައްޔާރީ ޙާލަތަކަށް ގެނެސް، އަނިޔާވި މީހުންނަށް ބޭނުންވާ ފަރުވާއާއި ބޭސް ފޯރުކޮށްދިނުމަށް އަމުރުކުރައްވާފައެވެ.
މިޞްރަކީ މިފަދަ ނުރައްކާތެރި މަގުމަތީ އެކްސިޑެންޓްތައް ޢާންމުކޮށް ހިނގާ ޤައުމެކެވެ. އެ ޤައުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް މަގުމަތީ އެކްސިޑެންޓްތަކުގައި 6،000 އެއްހާ މީހުން މަރުވެފައިވެއެވެ