ދުނިޔެ

ސަރަޙައްދީ ޞުލްޙައަށް މަޝްވަރާކުރަން އީރާނާއި ސަޢޫދީ އިސްވެ އެއްބަސްވެއްޖެ

ސަރަޙައްދީ ޞުލްޙައަށް މަޝްވަރާކުރަން އީރާނާއި ސަޢޫދީ އިސްވެ އެއްބަސްވެއްޖެ

ޞުލްޙައިގެ ބައްދަލުވުމުގެ ތެރެއިން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޮކްޓޯބަރު 2026، 11:35

27 އޮކްޓޯބަރު 2026، 11:35

ޔަމަނުގެ ހޫޘީން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި، ސަރަޙައްދީ "ޞުލްޙައާއި ސަލާމަތްތެރިކަން" ޤާއިމުކުރުމަށްޓަކައި މަޝްވަރާތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ސަޢޫދީ ޢަރަބިއްޔާ، އީރާން، ތުރުކީ އަދި ޕާކިސްތާނުން އެއްބަސްވެއްޖެއެވެ.

ހޯމަ ދުވަހު އީރާނުގެ ވެރިރަށް ތެެހެރާނުގައި ބޭއްވުނު މި ބައްދަލުވުމަކީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށި ހަނގުރާމަ ސަޢޫދީއާއި ޔަމަނަށް ފެތުރިގެން ދިޔަ ފަހުން، މިދިޔަ އޮގަސްޓް މަހު މައްކާ ޑިފެންސް އެއްބަސްވުމުގައި ސޮއިކުރި ތިން ޤައުމާއި އީރާނާ ދެމެދު ބޭއްވުނު މަތީ ފަންތީގެ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ. ހަތަރު ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ސަރަޙައްދީ ހަމަޖެހުމާއި ގުޅުން ބަދަހިކުރުމަށްޓަކައި މަޝްވަރާތައް ކުރިއަށްގެންދިއުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

މި މަޝްވަރާތައް ކުރިއަށްދިޔަ ވަގުތު، ސަޢޫދީގެ އިރުމަތީ ޕްރޮވިންސަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް 3 މިސައިލާއި ދެކުނުގެ ސަރަޙައްދުތަކަށް ފޮނުވާލި 4 ޑްރޯން ވައްޓާލާފައިވާ ކަމަށް ސަޢޫދީ ކޯލިޝަނުގެ ތަރުޖަމާނު ތުރްކީ އަލްމާލިކީ ވިދާޅުވިއެވެ. މީގެއިތުރުން ހޯމަ ދުވަހުގެ ރޭ ވެރިރަށް ރިޔާޟާއި ދެކުނުގެ ސަރަޙައްދުތަކުން އިތުރު 3 ޑްރޯން ވައްޓާލާފައިވާ ކަމަށާއި، މި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ކޯލިޝަނުން ހާމަކުރެއެވެ.

ޢަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަނުދީ، ސިޔާސީ މަޝްވަރާތަކަށް ފުރުޞަތު ހުޅުވާލުމަށްޓަކައި ސަޢޫދީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ދިފާޢީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން އަލް ސަޢޫދެވެ. މީގެއިތުރުން ޕާކިސްތާނުގެ ޢަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު އަދި ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ އިބްރާހިމް ކަލިން ވެސް މި ވަފުދުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އީރާނުގެ ފަރާތުން ރައީސް މަސްޢޫދު ޕެޒެޝްކިއަން އާއި ޚާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ އަދި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްސިން ރިޟާއީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު ރޮއިޓާސްއަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ސަރަޙައްދީ ހަމަލާތައް ހުއްޓުވުމުގެ ނިޒާމެއް ޤާއިމުކުރުމަށާއި، އެމެރިކާއާއި އީރާނުގެ ގުޅުމާއި، ހޫޘީންގެ ހަމަލާތަކުގެ އިތުރުން ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތާ ބެހޭގޮތުންނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދާއެކު، ދެފަރާތަށްވެސް އެއްބަސްވެވޭނެ ހުށަހެޅުމެއް ޕާކިސްތާނުން އީރާނަށް ހުށަހަޅާފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ޖާމިނުދާރުންގެ ގޮތުގައި މައްކާ ޕެކްޓްގެ ޤައުމުތަކުގެ އިތުރުން ޤަޠަރު ހިމެނިދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މަޝްވަރާތައް ކުރިއަށްދަނީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ނުތަނަވަސްކަން ބޮޑުވެ، އެމެރިކާއިން އީރާނަށް އަލުން ހަމަލާދީފާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނާއި ޤަޠަރުން މެދުވެރިވެގެން މިދިޔަ ޖޫން މަހު އެކުލަވާލި ވަގުތީ އެއްބަސްވުން އުވި، އީރާނާ ގުޅިފައިވާ ހޫޘީންނާއި ސަޢޫދީއާ ދެމެދު ވަނީ ހަނގުރާމަ ވަރުގަދަވެފައެވެ.

ހޫޘީން ދަނީ ސަޢޫދީގެ އެއާޕޯޓްތަކަށާއި، ބަނދަރުތަކަށާއި ތެލުގެ މަރުކަޒުތަކަށް އަމާޒުކޮށް ހުއްޓުމެއްނެތި ހަމަލާ ދެމުންނެވެ. މިގޮތުން މި މަހު ރިޔާޟުގެ ކިންގ ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި 13 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

ހޯމަ ދުވަހުވެސް އެ އެއާޕޯޓަށާއި ތެޔޮ ޕަމްޕުކުރާ ސްޓޭޝަންތަކަށް ހަމަލާދިން ކަމަށް ހޫޘީން ބުނެފައިވާއިރު، ރައްދުގައި ސަޢޫދީ ކޯލިޝަނުން ވަނީ ހޫޘީންގެ މިސައިލް ރައްކާކުރާ 5 ޓަނަލަކާއި 4 މިސައިލް ލޯންޗަރު ހަލާކުކޮށްލާފައިވާ ކަމަށް ބުނެފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މިޞްރުގެ ޕާލިމަންޓުންވެސް ވަނީ ސަޢޫދީގެ ދިފާޢުގައި އެޤައުމުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ ހުއްދަ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450