ދުނިޔެ
މައްކާ އެލަޔަންސްގެ ގައުމުތަކުގެ އިސް ވަފުދެއް އިރާންގައި މަޝްވަރާތައް ބާއްވަނީ
މައްކާ އެލަޔަންސްގެ ގައުމުތަކުގެ އިސްވެރިން. ފޮޓޯ: އޭއެފްޕީ
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، މައްކާ ޑިފެންސް އެލަޔަންސްގައި ހިމެނޭ ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން ހިމެނޭ ވަފުދެއް މަޝްވަރާތަކަށް އީރާނުގެ ވެރިރަށް ތެހެރާނަށް ޒިޔާރަތްކުރަން ހަމަޖެހިއްޖެއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސެކްރެޓަރީ އަލީ ބާޣިރީ ކަނީ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، ހޯމަ ދުވަހު ބާއްވާ މި ބައްދަލުވުމުގައި ސައޫދީ ޑިފެންސް މިނިސްޓަރު ޚާލިދު ބިން ސަލްމާން އަލް ސައޫދާއި، ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރު އަދި ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ އިބްރާހީމް ކަލިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހުންނަވާނީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީއެވެ. ބާޣިރީ ކަނީ ވިދާޅުވީ، ސަރަހައްދުގެ ބައިވެރިން ގުޅިގެން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް މި މަޝްވަރާތަކުގެ ސަބަބުން އެދެވޭ ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށެވެ.
މި ބައްދަލުވުން ބާއްވާކަން ސައޫދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރު ފޮ ފަބްލިކް ޑިޕްލޮމަސީ ރާއިދު ކްރިމްލީ ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މި ޒިޔާރަތަކީ ހިނގަމުންދާ ހަމަނުޖެހުންތައް ކުޑަކުރުމަށާއި، ގަތަރާއި ޕާކިސްތާނުން އިސްނަގައިގެން ކުރިއަށްގެންދާ ސުލްހައިގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް މައްކާ ޑިފެންސް އެލަޔަންސްގެ ގައުމުތަކުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. މީގެއިތުރުން، ތުރުކީގެ ސަލާމަތީ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ އަނަދޮލޫ އެޖެންސީން ވެސް ވަނީ އިބްރާހީމް ކަލިން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެކަން ހާމަކޮށްފައެވެ.
މި މަޝްވަރާތައް ބާއްވަން ހަމަޖެހިފައި މިވަނީ، އީރާނާ ގުޅުން އޮންނަ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ އެ ހަމަލާތަކަށްފަހު މައްކާ އިއްތިހާދުގެ ހުރިހާ މެންބަރު ގައުމުތަކަކާއި އީރާނާ ދެމެދު ބޭއްވޭ މިފަދަ ފުރަތަމަ މަތީ ފެންވަރުގެ މަޝްވަރާއެވެ. ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް މުނީރު ވަނީ މިދިޔަ ހަފުތާގައި ވެސް ތެހެރާނަށް ޒިޔާރަތްކުރައްވައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ބައްދަލުކުރައްވާފައެވެ. އެ ޒިޔާރަތުގައި އީރާނުގެ ވެރިން ވަނީ، އެ ގައުމުގެ ޝަރުތުތައް ފުރިހަމަނުވަނީސް، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމާ ގުޅޭގޮތުން އެމެރިކާއާއެކު އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށް އަންގަވާފައެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ފެށި ފަހުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ މުހިންމު ދައުރެއް އަދާކުރަމުން އަންނަނީ ޕާކިސްތާނުންނެވެ. މީގެކުރިން ކުރެވުނު ސުލްހައިގެ މަސައްކަތްތަކުން ޖޫން މަހު ވަގުތީ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ހަފުތާތަކެއްގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު އަލުން ހަނގުރާމަ ފެށި، އެ އެއްބަސްވުން ވަނީ ރޫޅިފައެވެ. އަނެއްކޮޅުން، އާދީއްތަ ދުވަހު ވެސް ހޫޘީން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ސައޫދީ އަސްކަރިއްޔާއިން ދިފާއުކޮށްފައިވާއިރު، ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ސައޫދީއަށް ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.
މި ހިނގާ އޮކްޓޯބަރު މަހު މައްކާ ޑިފެންސް އެލަޔަންސްގެ މިނިސްޓަރުން ރިޔާޒުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ، ސައޫދީ އަރަބިއްޔާއަށް އަސްކަރީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. ތުރުކީ، ޕާކިސްތާން އަދި ސައޫދީ އަރަބިއްޔާއިން މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓުގައި ސޮއިކުރީ މިދިޔަ އޮގަސްޓް މަހުގައެވެ. މި އެއްބަސްވުމުގެ ދަށުން، އެއްވެސް މެންބަރު ގައުމަކަށް ދެވޭ އަސްކަރީ ހަމަލާއެއް ބެލެވޭނީ މުޅި އިއްތިހާދަށް ދެވޭ ހަމަލާއެއްގެ ގޮތުގައެވެ. އަދި ގައުމުތަކުގެ ސިޔާދަތާއި ބޯޑަރުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އެޅުމަށް ވެސް އެ އެއްބަސްވުން ބާރުއަޅައެވެ. މި އެއްބަސްވުން ޕާކިސްތާނުގެ ޕާލިމަންޓުން މިދިޔަ ހަފުތާގައި ފާސްކޮށްފައިވާއިރު، ތުރުކީގެ ޕާލިމަންޓުން އެ އެއްބަސްވުން ފާސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.