ދުނިޔެ

ހިބްރޫންގައި ޔަހޫދީން ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އދ. އިން ގޮވާލައްވައިފި

ހިބްރޫންގައި ޔަހޫދީން ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އދ. އިން ގޮވާލައްވައިފި

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޮލްކަރ ޓާރކް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 އޮކްޓޯބަރު 2026، 11:05

27 އޮކްޓޯބަރު 2026، 11:05

ހުޅަނގު އައްސޭރީގެ ހިބްރޫންގައި ޔަހޫދީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޮލްކަރ ޓާރކް ގޮވާލައްވައިފިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކަކަށް ވެދާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.

ހައި ކޮމިޝަނަރު ޓާރކް ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހުކުރު ދުވަހު ފެށި މި އޮޕަރޭޝަނުގައި 2،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ގަދަކަމުން ގެދޮރުން ނެރެ ވިއްސިވިހާލިކޮށްފައެވެ. މީގެ އިތުރުން ގެދޮރާއި ވިޔަފާރި މުދާތައް ސުންނާފަތިކޮށް، އާންމުންގެ މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ހައްގު ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ކޮންމެހެން ބޭނުން ނުވާ މިންވަރަށް އަދި މާ ބޮޑަށް ބާރުގެ ބޭނުންކުރަމުންދާ ކަމުގެ ބޮޑެތި ކަންބޮޑުވުންތައް އެބައޮތް. އަދި މިކަން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ،" 

ޓާރކް ވިދާޅުވިއެވެ.

ޔަހޫދީ އިސް އޮފިޝަލުންގެ ވާހަކަތަކުން ދޭހަވަނީ މި ފިޔަވަޅުތަކަކީ އަދަބު ދިނުމުގެ ގޮތުންނާއި، ފަލަސްތީނު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަގުސަދުގައި އަޅަމުންދާ ފިޔަވަޅުތަކެއްކަން ފާހަގަވާ ކަމަށް ވެސް ޓާރކް ވިދާޅުވެފައެވެ.



އެއްކޮށް އެންމެންނަށް އަދަބު ދިނުމަކީ (ކަލެކްޓިވް ޕަނިޝްމަންޓް) ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ބޮޑު ޖަރީމާއެއްކަން ފާހަގަކުރައްވަމުން ޓާރކް ވިދާޅުވީ، މުޅި އަވަށްތައް އެއްކޮށް ހުސްކޮށް، ފޮހެލާނެ ކަމަށް ބުނެ ޔަހޫދީން ދޭ އިންޒާރުތަކަކީ ނަސްލު ނައްތާލުމުގެ ބޮޑު ކުށެއް ކަމަށެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެނބުރި އެމީހުންގެ ގެދޮރަށް ދިއުމުގެ ފުރުސަތު ދިނުމަށާއި، ގާނޫނާ ޚިލާފަށް ގެދޮރުން ނެރެ، ތަންތަން ތަޅާލި މައްސަލައިގައި ޔަހޫދީން ބަދަލު ދިނުމަށް ވެސް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވަނީ ގޮވާލައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450