ޚަބަރު
ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
މަރުޙޫމް އަބުދުﷲ ޝަރީފް - ފޮޓޯ: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި މ. އެކޯ، ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢަބްދުﷲ ޝަރީފް އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި މި ބޮޑު ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ މެސެޖުގައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރުޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ.
މަރުޙޫމް ޢަބްދުﷲ ޝަރީފަކީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މީގެ ތެރެއިން 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޝަރީފް ޚިދުމަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދައުލަތަށް ކޮށްދެއްވި މި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، 2023 ވަނަ އަހަރު ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް ޢަބްދުﷲ ޝަރީފަށް އަރުވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ޢަބްދުﷲ ޝަރީފަކީ ވަރަށް ހިންގުންތެރި، އަދި އެހާމެ އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތް ކުރެއްވި، މަސައްކަތުގެ މަތީ އަޚުލާޤެއް ހިފެހެއްޓެވި ނަމޫނާ ބޭފުޅެކެވެ.