ކުޅިވަރު
ފަސޭހަކަމާއެކު ލަންކާ ބަލިކޮށް ޒުވާން ފުޓުބޯޅަ ޓީމު ކޮލިފިކޭޝަން ފޭސްއިން ޖާގަ ހޯދައިފި
ގޯލު ކާމިޔާބުކުރުމަށްފަހު ނައްސާހު އުފާޅުކުރަނީ---
އޭއެފްސީ އަންޑަރ-20 އޭޝިއަން ކަޕް ކޮލިފަޔާސްގެ ޑިވެލޮޕްމަންޓް ފޭސްގެ ދެވަނަ މެޗުގައި، ފަސޭހަކަމާއެކު 4-0 އިން އަވައްޓެރި ސްރީލަންކާ ބަލިކޮށް، ރާއްޖޭގެ 20 އަހަރުން ދަށުގެ ޒުވާން ފުޓުބޯޅަ ޓީމުން މުބާރާތުގެ ކޮލިފިކޭޝަން ފޭސްއިން ޖާގަ ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބްރޫނާއީ ދާރުއްސަލާމް އަތުން 2-0 އިން މޮޅުވި ރާއްޖެއަށް މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ވަނީ ޖުމްލަ ހަ ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގައި ހިމެނޭ މިޔަންމާ ވެސް ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާއިރު، ގްރޫޕުގެ އެއްވަނައަށް އެދެ ޓީމުގެ ދެމެދުގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.
ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗު ފެށީ ވަރަށް ވަރުގަދަ ކުޅުމަކާއެކުގައެވެ. ރާއްޖޭގެ މުޙައްމަދު ޝަމްހާން، އަހްޒަމް ރަޝީދު، މުޙައްމަދު އިލާން އަދި ނައްސާހު ނަސީރު ވަނީ މެޗުގެ ކުރީކޮޅު ލަންކާގެ ގޯލަށް ނުރައްކާކޮށް، އެ ޓީމުގެ ކީޕަރު ކައްޒާފީ ޝަހީދަށް ބާރުބޮޑުކޮށްފައެވެ. ރާއްޖެއިން މި މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައެވެ. ނައްސާހު ދިން ޕާހަކުން ލިބުނު ބޯޅަ، އިލާން ވަނީ ގޯލުގެ ތެރެއަށް ވޮލީއަކުން ފޮނުވާލައިގެން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ދެވަނަ ހާފުގައި ރާއްޖޭގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ މެޗުގެ 60 މިނެޓުގައި ޝަމްހާންއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލަންކާގެ މުޙައްމަދު ފުއާދަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމު އިތުރަށް އަޑިއަޅައިލިއެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ލަންކާއިން ކުޅެމުންދިޔަ ދަނޑިވަޅުގެ ފައިދާނަގައި، ރާއްޖޭގެ ނައްސާހު ވަނީ މެޗުގެ 78 އަދި 80 ވަނަ މިނެޓުގައި ދެ ލަނޑު ޖަހައި، ރާއްޖެއަށް 4-0 ގެ ފުރިހަމަ މޮޅެއް ހޯދައިދީފައެވެ.
ޑިވެލޮޕްމަންޓް ފޭސްގައި 11 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު، ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް ކޮލިފިކޭޝަން ފޭސްއިން ފުރުސަތު ލިބެއެވެ. ޖުމްލަ 31 ޓީމު އަށް ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ކޮލިފިކޭޝަން ފޭސްގެ ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނައަށްދާ އެންމެ މޮޅު ހަތް ޓީމު، މުބާރާތް ބާއްވާ ޗައިނާއާއެކު އޭއެފްސީ ޔޫ-20 އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ.
މި މޮޅާއެކު ރާއްޖެއަށް ދެވަނަ ބުރުގެ ޖާގަ މިހާރު ކަށަވަރުވެފައިވާއިރު، ކުރިއަށް އޮތް މެޗުތަކުން ނުކުންނަ ނަތީޖާއަކުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ނިންމާލުމުގެ ފުރުސަތު ރާއްޖެއަށް ބޮޑެވެ.