ވިޔަފާރި / ޚަބަރު
އިތުރު މަސައްކަތްތަކާއެކު ކުދި ވިޔަފާރިތައް މިހާރަށްވުރެ ބޮޑަށް ބާރުވެރި ކޮށްދޭނަން: ރައީސް
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025---
ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން އިތުރު މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުން ސިލްސިލާކޮށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 4 ވަނަ އެޕިސޯޑުގައި، އާންމު ރައްޔިތަކު ހުށަހެޅި ކަންބޮޑުވުންތަކާއި ޚިޔާލުތަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހު ހދ، ހއ، އަދި ށ. އަތޮޅުގައި ބޭކަރީގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ވިޔަފާރިވެރިއެކެވެ. އެ ވިޔަފާރިވެރިޔާ ވަނީ މިހާރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުތަނުން އުފުލިފައިވީ ނަމަވެސް، ރާއްޖޭގައި އުފައްދައި ވިއްކާ ބައެއް ތަކެތީގެ އަގުތަކަށް ބަދަލެއް ނުގެނެވި ހުރުމުގެ ސަބަބުން ވިޔަފާރީގެ ފައިދާއަށް ނޭދެވޭ އަސަރު ކުރަމުންދާކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން، ކާބޯތަކެއްޗާ ގުޅުންހުރި ވިޔަފާރިތަކަށް ކުރިމަތިވާ އެހެނިހެން ގޮންޖެހުންތަކަށް އަލިއަޅުވާލަމުން އޭނާ ބުނީ، ދިވެހި ވިޔަފާރިތަކުން އުފައްދާ ޒާތުގެ ތަކެތި ބޭރުގެ ޤައުމުތަކުން އަގުހެޔޮކޮށް އެތެރެކުރުމަކީ ދިވެހި އުފެއްދުންތެރިންނަށް އޮތް ބޮޑު ދައްޗެއް ކަމަށެވެ. އަދި ދިވެހި ބޭކަރީތަކުން ބޭނުންކުރާ ރޯ މެޓީރިއަލް އެތެރެކުރަން ޖެހެނީ ބޭރުން ކަމަށްވާތީ، ބޭރުގެ ތައްޔާރީ އުފެއްދުންތަކާ އަގުގެ ގޮތުން ވާދަކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން އޭނާ ފާހަގަކުރިއެވެ.
އެހެންނަމަވެސް، އެ ވިޔަފާރިވެރިޔާ ވަނީ މި ސަރުކާރަކީ ކުދި ވިޔަފާރިތަކަށް މިހާތަނަށް އެންމެ ފަހި މާޙައުލެއް ޤާއިމުކޮށްދީފައިވާ ސަރުކާރުކަން ފާހަގަކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ވިޔަފާރިތަކަށް ބޭނުންވާ ފަންޑު ހޯދުމުގައާއި، ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ހަމަޖެއްސުމުގައި ސަރުކާރުން ވަރަށް ރަނގަޅު ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައިވާކަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.
ވިޔަފާރިވެރިޔާ ފާހަގަކުރި ކަންކަމާއި ޚިޔާލުތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ޤައުމުގެ އިޤްތިޞާދުގެ މައިބަދަކަން ފާހަގަކުރައްވައި، ހުށަހެޅުނު ކަންބޮޑުވުންތަކަށް ސަރުކާރުން ފުންކޮށް ރިއާޔަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދިވެހި ވިޔަފާރިތައް ޙިމާޔަތްކޮށް، އެ ފަރާތްތައް އިތުރަށް ބާރުވެރިކުރުވުމަށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.