ޚަބަރު
ސިއްހީ ދާއިރާއަށް 2000 މުވައްޒަފުން ނަގަނީ: މިއަހަރު އެހެން ދާއިރާތަކަށް ވަޒީފާއަށް މީހުން ނުނަގާނެ
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، މި އަހަރުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކަށް އަލަށް މީހުން ވައްދާނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، އާންމުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމަށް ބާއްވަމުން އަންނަ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތިންވަނަ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކު ވަނީ، ހުޅުމާލޭގެ އާބާދީ އިންތިހާއަށް އިތުރުވަމުންދާއިރު ޑޮކްޓަރުންނާއި މުވައްޒަފުންގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ހުށަހަޅާފައެވެ. ވަކިން ހާއްސަކޮށް، މަތީ ތައުލީމު ހާސިލުކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ އަދަދެއްގެ މެޑިކަލް އޮފިސަރުން ވަކިވުމަކީ ހިދުމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ސަބަބެއްގެ ގޮތުގައި އެ ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
ޑޮކްޓަރުގެ ވާހަކަތަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސިއްހީ ދާއިރާގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިތުރު މެޑިކަލް އޮފިސަރުން ހޯދުމުގެ މަސައްކަތް މިހާރު ފަށަން ތައްޔާރުވެފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެކި ބެޗްތަކަށް ބަހާލައިގެން ސިއްހީ ހިދުމަތްދޭ ދާއިރާތަކަށް ޖުމްލަ 2000 އެއްހާ މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ސިއްހީ ހިދުމަތް ދިނުމުގެ ޖާގަ ތަނަވަސްކުރުމަށްޓަކައި އިތުރު ދެ ތަނެއް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްގެން ފަށާފައެވެ. އަދި އެ ދެ ތަނުގެ އަމަލީ މަސައްކަތް ނިމުމުން، އިތުރު މުވައްޒަފުން ވަޒީފާއަށް ނެރެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެމީހުންގެ ހިޔާލާއި ޝަކުވާތައް އެއްސެވުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމަކީ ކޮންމެ ބައިވެރިއަކަށްވެސް ރައީސުލްޖުމްހޫރިއްޔާއާ ސީދާ ވާހަކަދެއްކުމަށް 10 މިނެޓުގެ ފުރުސަތެއް ލިބިދޭ ގޮތަށް އިންތިޒާމުކޮށްފައިވާ ހާއްސަ ޕްލެޓްފޯމެކެވެ.