ކުޅިވަރު
ގައުމީ ފުޓުބޯޅަ ޓީމުން ކިރިގިސްތާނުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ނިންމައިފި
ގައުމީ ޓީމުން އޭޝިއަން ކަޕްގެ ކުރިން ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން / ފޮޓޯ: ސިޑިބަރި
ދިވެހިރާއްޖޭގެ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމުން މި ހިނގާ ސެޕްޓެމްބަރު މަހުގެ ފަހުކޮޅާއި އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ބައިނަލްއަޤްވާމީ އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ނިންމައިފިއެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ކިރިގިސްތާނުގައެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުގައި ރާއްޖޭގެ ޤައުމީ ޓީމު ވާދަކުރާނީ ކިރިގިސްތާނާއި ލުބުނާނާ ދެކޮޅަށެވެ. އެގޮތުން ފުރަތަމަ މެޗުގައި މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ރާއްޖެ ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ. ކިރިގިސްތާނަކީ އޭޝިއާ ސަރަހައްދުގެ ރޭންކިންއަށް ބަލާއިރު 19 ވަނައިގައި އޮތް ވަރުގަދަ ޓީމެކެވެ.
ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ. ލުބުނާނަކީ އޭޝިއާގެ ރޭންކިންގައި 20 ވަނައިގައި އޮތް ޤައުމެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ އެންމެ ފަހުގެ ރޭންކިން ދައްކާގޮތުން ރާއްޖެ އޮތީ ދުނިޔޭގެ 173 ވަނައިގައެވެ. އަދި އޭޝިއާ ސަރަހައްދުގެ ރޭންކިންގައި ރާއްޖެއަށް ލިބެނީ 33 ވަނައެވެ.
ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމުން އެންމެ ފަހުން ބައިނަލްއަޤްވާމީ މެޗުތަކެއް ކުޅެފައިވަނީ މިދިޔަ ޖޫން މަހު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައެވެ. އެ މުބާރާތުގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްޣާނިސްތާނާ ދެކޮޅަށް ވާދަކޮށްފައެވެ. އެ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން އަފްޣާނިސްތާނާއި ޕާކިސްތާން އަތުން ރާއްޖެ ބަލިވި ނަމަވެސް، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ކިރިގިސްތާނުގައި ކުޅުމަށް ހަމަޖެހިފައިވާ މި ދެ މެޗަކީ ރާއްޖޭގެ ޤައުމީ ޓީމުގެ ފެންވަރު ރަނގަޅުކޮށް، ކުރިއަށް އޮތް ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ.