Ads by Farudhun

ޚަބަރު

ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގުޅިގެން މައްސަލަތައް ހައްލުކުރައްވާ ވިޝަނަރީ ލީޑަރެއް: މުޙައްމަދު އިސްމާޢީލް

ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގުޅިގެން މައްސަލަތައް ހައްލުކުރައްވާ ވިޝަނަރީ ލީޑަރެއް: މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލް. ފޮޓޯ: އެމްއެމް ޓީވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ސެޕްޓެމްބަރު 2026، 10:28

06 ސެޕްޓެމްބަރު 2026، 10:28

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނާ ގުޅުންހުރި މައްސަލަތައް ރައްޔިތުންނާ ގާތުން ބައްލަވައި، އެކަންކަން ހައްލުކުރައްވަމުން ގެންދަވާ ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

 ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭނާ ވަނީ މި ސަރުކާރުން ރައްޔިތުންނަށް ގެނެސްދެމުންދާ ތަރައްޤީއާއި ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވާފައެވެ.

މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒު ވަޑައިނުގަންނަވާ އެއްވެސް ރަށެއް އަދި ރައްޔިތުންނާ ބައްދަލުނުކުރައްވާ ރަށެއް މިހާރު ނެތެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާ ގާތުން ބައްދަލުކުރައްވައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. 

"މިއަދު ރަށްރަށަށް އަރައިލީމާ އަޅުގަނޑުމެންނަށް އެބަ ފެނޭ މިއަދު ރަށެއްގައި ދިހައެއް، ބާރަ، ތިން، ހަތަރު ފަސްހަ ޕްރޮޖެކްޓު ނުހިނގާ އެއްވެސް ރަށެއް ނުދާނެ،" މެންބަރު ވިދާޅުވިއެވެ.

މީގެއިތުރުން، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށާއި މާރާމާރީގެ މައްސަލަތަކަށް މަޑުމަޑުން ހައްލު ލިބެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރީގެ ވެރިކަންތަކުގައި ބޭރު މީހުންގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޕޯޑިއަމްތަކުގައި ވާހަކަ ދެއްކި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނުވާކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިހާރުގެ ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބޭރުމީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށާއި، މަސްތުވާތަކެތި ޕޯޓުތަކުން އެތެރެވުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިން ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އިޝާރާތްކުރައްވައި މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ކޮންމެ ބޭފުޅަކަށްވެސް ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގެންނެވި ކަމަށާއި، އެ ދައުރުގައި ކޮށްދެއްވި ކަންކަން ރައްޔިތުން ހަނދާން ހުންނާނެ ކަމަށެވެ. "މަޑުމަޑުން ގޭގައި ރީތިކޮށް ފަސް އަހަރު ނިމެންދެން ތިބޭ. ދެން ތިމަންނަމެންނަށް ވެރިކަން ކުރެވޭނެކަމަށް ފެންނަންޏާމުން ނިކުމެ އުޅުނީމާ ރައްޔިތުން ވޯޓުދެންޏާ ދޭނެ. ދެން ކޮޓަރިއެއްގެ ތެރޭގައި ރައްޔިތުން ގަބޫލުނުކުރާ ހައެއްކަ މީހުން ފަހަތަށް ލައިގެން ތިބެ ވާހަކަތަކެއް ދެއްކިޔަސް ރައްޔިތުންނެއް މިއަދަކު އަޑެއް ނާހާނެ،" އޭނާ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން މުޙައްމަދު އިސްމާޢީލް ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450