ވިޔަފާރި
ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިންގ ފެސިލިޓީތަކެއް ހަމަޖައްސަނީ
ދިވެހި ސަރުކާރާއި އައިޓީއެފްސީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން---
ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 2026 އިން 2031 އަށް ދެމިގެންދާ ފަސް އަހަރު ދުވަހުގެ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އަދި ރާއްޖެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ. އައި.ޓީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު ޔޫސުފް އަލް-އާމާއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރަށާއި، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީތައް ހަމަޖައްސައިދިނުމެވެ. މި ފްރޭމްވޯކްގެ ދަށުން ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށް މި ފުރުސަތު ހުޅުވިގެންދާއިރު، ބައިނަލްއަޤްވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމުގެ މަޝްރޫޢުތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ، އައި.ޓީ.އެފް.ސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. އެގޮތުން ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް ދިން އެހީ، މިހާރު ވިޔަފާރި އާއި މަސްވެރިކަމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޭސްފަރުވާގެ ސާމާނު އިމްޕޯޓްކުރުމަށް ފުޅާވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 2017 އިން ފެށިގެން އެސް.ޓީ.އޯ އަށް ލިބޭ ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި އެތެރެކުރުމަށް މަގުފަހިވެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު އަލް-އާމާ ވިދާޅުވީ މި އެއްބަސްވުމަކީ ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި އަމިއްލަ ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ. މިއީ 2019 އިން 2024 އަށް އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސޮއިކުރެވުނު އައު އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގައި 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް 1.7 ބިލިއަން ޑޮލަރު ބޭނުންކޮށްފައިވެއެވެ. އަދި 2008 އިން ފެށިގެން އެ އިދާރާއިން ވަނީ ރާއްޖެއަށް ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.
އިންޖިނިއަރ އަދީބު އަލް-އާމާ ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ފައިނޭންސް މިނިސްޓަރާއި، އެމް.އެމް.އޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު އަދި އެސް.ޓީ.އޯގެ އިސްވެރިންނާ ބައްދަލުކުރައްވައި އިޤްތިޞާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގްރޫޕްގެ ދަށުން 2008 ގައި އުފެދުނު އައި.ޓީ.އެފް.ސީ އަކީ އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރާ މުއައްސަސާއެކެވެ. އެ އިދާރާއިން މިހާތަނަށް މެންބަރު ޤައުމުތަކަށް 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިނޭންސިންގ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.