ވިޔަފާރި / ޚަބަރު
އުތުރުގެ އިޤުތިޞާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ ބިޔަ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓްގެ ތަޞައްވުރު---
ދިވެހިރާއްޖޭގެ އުތުރުގެ އިޤުތިޞާދަށް އިންޤިލާބީ ބޮޑު ބަދަލެއް ގެންނާނެ ބިޔަ މަޝްރޫޢު ކަމަށްވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫޢުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާހް ގުރޫޕް) އާ ދެމެދުގައެވެ.
މި އެއްބަސްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޓްރާންޝިޕްމެންޓް ޚިދުމަތް ހިމެނޭހެން ޕޯޓް ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިޤުތިޞާދީ މައި މަރުކަޒެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ފޮނި ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި އެޅުނު ތާރީޚީ މުހިންމު ފިޔަވަޅެކެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
މި މަޝްރޫޢު ހަވާލުކުރެވުނު ޔޫއޭއީގެ ސާހް ގްރޫޕަކީ މިފަދަ ބިޔަ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާ ކުންފުންޏެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން 1976 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އަންނަނީ މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ. އެ ކުންފުނިން މި މަޝްރޫޢު ކުރިޔަށް ގެންދާނީ ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހާ ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓެއްގެ ގޮތުގައެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން މުހިންމު ވަޢުދުފުޅެއް ފުއްދެވުމުގެ ގޮތުން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ދުރުރާސްތާ އިޤުތިޞާދީ ތަޞައްވުރު ކަމަށްވާ "ވިޝަން 2040" އަށް ވާސިލްވުމަށްޓަކައި އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ޚިދުމަތްތަކުގެ އިތުރުން ފަތުރުވެރިކަމާއި އެހެނިހެން ޚިދުމަތްތައް އެކުލެވޭ ގޮތަށް މުޅި ސަރަޙައްދަށް މަންފާ ކުރާނެ ތަރައްޤީ ގެނެވޭނެއެވެ. މިއާއެކު ރާއްޖޭގެ އެންމެ އުތުރުގައި އިޤުތިޞާދީ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާވެގެން ގޮސް، އޭގެ ސީދާ ފައިދާ މުޅި ރާއްޖޭގެ އިޤުތިޞާދަށް ކުރާނެ ކަމަށް ސަރުކާރުން ދެކެއެވެ.
އިހަވަންދިއްޕޮޅުގައި މިފަދަ ބިޔަ އިޤުތިޞާދީ މަޝްރޫޢުތައް ހިންގުމަށް މީގެ ކުރީގެ އެކި ސަރުކާރުތަކުން ތަކުރާރުކޮށް ވަޢުދުވި ނަމަވެސް، މިއަދާ ހަމައަށްވެސް އެކަން އޮތީ ހާސިލުނުވެ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. ނަމަވެސް މި ސަރުކާރުން އެ އުންމީދުތައް ޢަމަލީ ގޮތުން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަޝްރޫޢުތަކުގެ އިޤުތިޞާދީ މަންފާ ދިވެހިރާއްޖެ އަށާއި ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.