ޚަބަރު
އެސްޓީއޯ ރަމަޒާން ބާޒާރު 2026-2027 ފަށައިފި
އެސްޓީއޯ ރަމަޒާން ބާޒާރު---
ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ބަރަކާތްތެރި ރޯދަމަހާ ގުޅުވައިގެން، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޚާއްސަ ޕްރޮމޯޝަން "އެސްޓީއޯ ރަމަޒާން ބާޒާރު 2026-2027" ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮމޯޝަން އިފްތިތާޙުކޮށްފައިވަނީ 16 ނޮވެމްބަރު 2026 ވީ ހޯމަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމް އާދަމްއެވެ. މި އަހަރުގެ ރަމަޒާން ބާޒާރު ކުރިއަށްދާނީ 10 މާރިޗު 2027 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ކަނޑައަޅާފައިވާ ޚާއްސަ ގިނަ އުފެއްދުންތަކަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެއިތުރުން، ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު، 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ދެ ފަރާތަކަށް 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 5،000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ޚާއްސަ ހަދިޔާ ގުޅިއަކުން އިނާމު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މި އަގުހުރި އިނާމު ލިބިގެންދާނީ ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށެވެ.
ރަމަޒާން ބާޒާރު ފެށުމުގެ އިތުރުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރި ބައިނަލްއަޤްވާމީ މަޝްހޫރު ފްރެންޗައިޒް ކެފޭ ކަމަށްވާ "ދަ ކޮފީ ބީން އެންޑް ޓީ ލީފް" ގެ އައުޓްލެޓްވެސް މި ހަފްލާގައި ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މިއީ މާލޭގައި ހުޅުވުނު މި ބްރޭންޑުގެ ފުރަތަމަ އައުޓްލެޓެވެ. މި ފްރެންޗައިޒްގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް ހިންގަމުން އަންނަނީ ހުޅުމާލޭގައެވެ. ހަމައެއާއެކު، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖާގަ އިތުރަށް ބޮޑުކޮށް ފުޅާކޮށްފައިވާކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އާންމުންގެ ގޭބިސީތަކަށް ބޭނުންވާ ހިފާގެންގުޅޭ ސާމާނާއި އެހެނިހެން މުދާ ހެޔޮއަގުގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ، އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮމޯޝަނެކެވެ.