ޚަބަރު
އާމްދަނީގެ ގޮތުގައި މަހަކު 60،000ރ. އަށް ވުރެ މަތިން ލިބޭ ފަރާތްތަކަށް ފުލް އާސަންދަ ދިނުން ހުއްޓާލަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މުއްސަނދިންނަށް ދައުލަތުގެ ހިލޭ ބޭސްފަރުވާގެ ނިޒާމު، އާސަންދައިގެ "ފުލް ކަވަރޭޖް" ދިނުން ހުއްޓާލުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާނު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުން ދޭ އިނާޔަތްތަކާއި ޚިދުމަތްތަކަކީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދެވޭ ޚިދުމަތްތަކަކަށް ހެދުމަށް ސަރުކާރުން މުހިންމު އިޞްލާޙީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިހާރު އޮތް އުސޫލުން މުޖުތަމަޢުގެ އެންމެ ނިކަމެތި މީހާއާއި އެންމެ މުއްސަނދި މީހާއާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތި އެއްވަރަކަށް ފުލް ކަވަރޭޖް ލިބުމަކީ އެންމެ އިންސާފުވެރި އަދި ދެމެހެއްޓެނިވި ގޮތް ނޫން ކަމަށް ބައިނަލްއަޤްވާމީ މާލީ ޖަމްޢިއްޔާތަކުންނާއި މި ދާއިރާގެ ފަންނީ މާހިރުންވެސް ފާހަގަކުރެއެވެ. އަދި މިއީ ދައުލަތުގެ ވަސީލަތްތައް އެންމެ ޙައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ގެންނަންޖެހޭ ކޮންމެހެން މުހިންމު ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އައު ބަދަލާއެކު، އިންކަމް ޓެކްސް ދައްކާ ފަރާތްތަކާއި މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކަށް ދެން އާސަންދައިގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ "ކޯ-ޕޭ" ނުވަތަ "ޕްރީ-ޕޭ" އުސޫލުގެ ދަށުންނެވެ. މި އުސޫލުގެ ސަބަބުން ބޭސްފަރުވާގެ ޚަރަދުން ކަނޑައެޅޭ ވަކި މިންވަރެއް އެ ފަރާތްތަކުން އަމިއްލައަށް ދައްކަން ޖެހޭނެއެވެ.
"މުއްސަނދިންނަށް، ނުވަތަ އިންކަމް ޓެކްސް ޕޭ ކުރާ ފަރާތްތަކަށް، އާއްމުންނަށް މި ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބެން ނުޖެހޭނެ. އިރާދަކުރެއްވިއްޔާ އެ ބަދަލު މި އަންނަ މަހުން ފެށިގެން ގެނެވޭނެ،"
ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އަންނަ މަހުން ފެށިގެން މި ނިންމުން ތަންފީޒުކުރަން ފެށުމުން، މިއަހަރުގެ ބާކީ އޮތް ބައިގެ ތެރޭގައިވެސް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި އަހަރަކަށް ބަލާއިރު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވިގެންދާނެ ކަމަށާއި، މިގޮތަށް ސަލާމަތްކުރެވޭ ފައިސާ ބޭނުންކުރެވޭނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުޅާކުރުމަށާއި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.